ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގެ ފަހު ވަގުތު، ރެއާލް ބެޓިސް ކޮޅަށް ޖެހި ގޯލާއެކު އެޓީމުން ތިން ޕޮއިންޓް ހޯދައިފިއެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ރެއާލް އޮތީ މިހާތަނަށް ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައެވެ. އަދި އެޓީމު އޮތީ ގަދަ ހަތަރެއްގެ ޖާގައިންވެސް ބޭރުގައެވެ. ރަށުން ބޭރުގައި ރޭ ހޯދި 2-1ގެ މޮޅާއެކު ރެއާލް އެނބުރި ހަތަރުވަނައަށް ޖެހިލި ނަމަވެސް، އެޓީމު އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއާ 10 ޕޮއިންޓްގެ ފަރަގެއްގައެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ރެއާލްއަށް މި ސީޒަން އަދި ދަނީ ދަށްކޮށެވެ. މިރޭގެ މެޗުގައިވެސް ޓީމުގެ ފަރާތުން އެންމެ އެކަށޭނެ ކުޅުމެއްވެސް ފެނިފައެއް ނުވެއެވެ. ހާއްސަކޮށް ރެއާލް ފުރަތަމަ ލީޑު ނެގުމަށްފަހު، ބެޓިސް ވަނީ އެޓީމު ޕްރެޝަރު ކޮށްލާފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި މޮޑްރިޗްގެ ހިތްގައިމު ގޯލާއެކު މެޑްރިޑް ލީޑު ނެގިއެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފެޑަރީކޯ ވަލްވާޑޭއަށް ލިބުނު ފުރުސަތުގައި ނަތީޖާގެ ފަރަގު ބޮޑުކޮށްލަންވެސް މަގުފަހިވިއެވެ. އެހެން ނަމަވެސް އޭނާއަށް ރަނގަޅަށް ނިންމައެއް ނުލެވުނެވެ.

ފުރަތަމަ ހާފްގެ ފަހުކޮޅުގައިވެސް ބެޓިސްއިން އެއްވަރުކުރުމާ ގާތަށް ޖެހިލިއެވެ. އަދި އެ ޕްރެޝަރުގައި ހާފް ނިންމާލާ، އެޓީމުން ދެވަނަ ހާފް ފެށީވެސް ފޯމުގައެވެ. އޭރިއާ ތެރެއިން ކަހަލަ ގޮތަކަށް އަންދްރޭސް ގުއާޑާލޯ ފޮނުވާލި ބާރު ހަމަލާ ގޯލް ދަނޑިކައިރިން ދިޔަ އިރު، މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރިއެވެ.

ބެޓިސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކަނެލެސްއެވެ. ރެއާލްގެ ޑިފެންޑަރުން ކައިރިން ނެއްޓި، އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލް ތެރެއަށެވެ. އެ ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް، ވީއޭއާރްގެ އެހީގައި ނިންމުން ބަދަލު ކުރިއެވެ.

މެޗުގެ ދެވަނަ ހާފްގައި، ރެއާލްއަށް ސިޓީން ގެންދިޔަ މިޑްފީލްޑަރު ބްރަހީމް ޑިއާޒްވެސް ކުޅެން އަރުވާފައިވާ އިރު، މެޗުން ރެއާލް މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، ސެބަލޯސްއެވެ. މެޗުގެ 88 ވަނަ މިނެޓުގައި ސެބަލޯސް ޖެހި ހިލޭ ޖެހުން ވައްދާލީ ސީދާ ގޯލަށެވެ.