އޭޝިއަން ކަޕްގެ ގްރޫޕް އޭގެ ފަހު މެޗުތައް މިރޭ ކުޅެފައިވާ އިރު، އިންޑިއާއިން ބަހްރެއިން އަތް ދަށުވީ ހިތްދަތިކޮށެވެ. އެ ގްރޫޕްގެ އެއްވަނަ ޔޫއޭއީއަށް ލިބުނު އިރު، ދެވަނަ ޓީމުގެ ގަދަ 16 ޔަގީން ކުރީ ތައިލެންޑެވެ.

އިންޑިއާއިން ބަހްރެއިނާ ދެކޮޅަށް މިރޭ ނުކުތް އިރު، އިންޑިއާއަށް ބަހްރެއިން ބަލިކޮށް ގަދަ 16އަށް ދެވެން އޮތެވެ. އަދި ޔޫއޭއީއާ ތައިލެންޑް ކުޅުނު މެޗު އެއްވަރު ނުވެ ނިިމުނު ނަމަ، އިންޑިއާއަށް ބޮޑު ފުރުތެއްވެސް އޮތެވެ. މިރޭ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް، ތައިލެންޑާ އިންޑިއާ ވާދަކުރި މެޗުގެ ހެޑް ޓު ހެޑް ރެކޯޑު އިންޑިއާ އަތު އޮތުމުން އެޓީމަށް އެގޮތުންވެސް ފުރުސަތު އޮތެވެ.

މިރޭގެ މެޗަށް އިންޑިއާއިން ނުކުތީވެސް ކޮޅަށް ގޯލަށް ނުވައްދަންކަން މެޗު ފެށުނު އިރުން ފެށިގެން އެނގުނެވެ. ބަހްރެއިންގެ އެޓޭކަކަށްފަހު އެޓޭކަކާ އެޓީމުން ކުރިމަތިލީ ޑިފެންސިވް ޓެކްޓިކްސްއަކާ އެކީގައެވެ.

މެޗު 1-0އިން ބަހްރެއިންއިން ކާމިޔާބުކުރި އިރު، އެޓީމުން ގޯލް ޖެހީ މެޗުގެ 90 މިނެޓް ހަމަވެ، ރެފްރީ ދިން އިތުރުވަގުތުގެ ކުޅުމުގައި ލިބުނު ޕެނެލްޓީއަކުންނެވެ. އެ ޕެނެލްޓީ ކާމިޔާބުކޮށްދިނީ ރާޝިދެވެ. ޕެނެލްޓީ ކާމިޔާބުކޮށް ބަހްރެއިންއަށް ހިތްވަރެއް ލިބުނު ނަމަވެސް، ގްރޫޕްގެ އަނެއް މެޗު ނިމުނީ އެޓީމަށްވެސް ހިތްދަތި ނަތީޖާއަކުންނެވެ.

ޔޫއޭއީއާއި ތައިލެންޑް ކުޅުނު މެޗު އެއްވަރުވުމުން، އޭއެފްސީ އޭޝިއަން ކަޕްގެ ގަވާއިު ބުނާގޮތުން ފައިދާ ގޯލްގެ ކުރިއަށް އަންނަނީ ހެޑް ޓު ހެޑް ނަތީޖާއެވެ. ބަހްރެއިން ކައިރީ ތައިލެންޑް ކުޅުނު މެޗުން މޮޅުވީ ތައިލެންޑެވެ.

މުބާރާތް ބާއްވާ ގައުމު، ޔޫއޭއީން މިރޭގެ މެޗުގެ ހަތްވަނަ މިނެޓުގައި މަބްކޫތުގެ ގޯލުން ލީޑު ނެގިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ތައިލެންޑުން އިންޑިއާ އަތުން ބަލިވުމާއެކު ތައިލެންޑްގެ ކޯޗު ފޮނުވާލުމާއެކު އެޓީމު އަންނަނީ މެޗަކަށްފަހު މެޗެއްގެ ކުޅުންވެސް ރަނގަޅު ކުރަމުންނެވެ. އެތަން މިރޭގެ މެޗުންވެސް ފެނުނެވެ. ހާފް ނިމުމުގެ ކުރިން 41 ވަނަ މިނެޓުގައި ތައިލެންޑުން ނަތީޖާ ހަމަހަމަވެސް ކުރިއެވެ.

ތައިލެންޑްގެ ގޯލް ކާމިޔާބުކޮށްދިނީ ޕުއާންޗަންއެވެ.

މިއަހަރުގެ އޭޝިއަން ކަޕަކީ ވާދަވެރި އިންޑިއާގެ ހަތަރުވަނަ އޭޝިއަން ކަޕެވެ. އެންމެފަހުން އެގައުމުން އޭޝިއަން ކަޕަށް ކޮލިފައިވެފައި ވަނީ 2011 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން އިންޑިއާ އަލްވަދާއުކީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ.

އޭގެ ކުރިން އޭޝިއަން ކަޕްގެ ފަސް މުބާރާތުގައިވެސް އިންޑިއާ ކުޅެފައިވާ އިރު، 2011ގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕްގައި ކުޅެފައި ވަނީ 1984 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާއިން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވި ނަމަވެސް، އަނެއް ދެ މެޗުންވީ ބައްޔެވެ.

އިންޑިއާއިން އެ މުބާރާތުގައި ވަނީ އީރާނާ އެއްވަރު ކޮށްފައެވެ. އޭގެ ކުރިން އިންޑިއާއިން އޭޝިއަން ކަޕް ކުޅުނީ 1964 ވަނަ އަހަރުގައެވެ. އެ އަހަރު މުބާރާތް އޮތީ، އޭރު އޭޝިއާ ގައުމެއްގެ ގޮތުގައި އޮތް އިޒްރޭލުގައެވެ. އެ މުބާރާތުގައި ޖުމްލަ ހަތަރު ޓީމު ވާދަކުރި އިރު، އިންޑިއާއިން ވަނީ ދެ މެޗުން މޮޅުވެ ރަނަރަޕް ހޯދާފައެވެ.

އެ އަހަރަށްފަހު 55 އަހަރު ފަހުން އޭޝިއަން ކަޕްގައި އިންޑިއާއިން މޮޅެއް ހޯދީ މިއަހަރުގެ މުބާރާތުގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެޓީމުން ތައިލެންޑް ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިދަރިއެއް

    އިންޑިއާ ގެ ސީނިއަރ ގައުމީ ފުޓްބޯޅަ ޓީމް މިފަހަރު އޭސިއަން ކަޕް ގައި ބަލިވުމަކީ ދިވެބިންނައް ލިބުނު ބޮޑުކާމިޔާބީ އެއް. ސާފް ޗެމްޕިއަންޝިޕް ގައި ދިވެހިން އަތުން ބަލިވުމުން ދިވެހި ޓީމައް މަލާމަތް ކޮއްފައި ލިޔުނު ލިޔުންތައް މިއަދު އަނބުރާ އެމީހުނައް ރައްދުވެއްޖެ