މި ސީޒަނަށްފަހު ފުޓުބޯޅަ ކެރިއަރުން ރިޓަޔާ ކުރާނެ ކަމަށް އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކު ބުނެފިއެވެ.

ޗެކު ރަސްމީކޮށް ރިޓަޔާމަންޓް އިއުލާން ކުރަމުން ބުނެފައި ވަނީ 15 އަހަރު ދުވަހު އޭނާ ޕްރިމިއާ ލީގުގައިވެސް ކުޅުނު ކަމަށާއި، ކްލަބު ލެވެލްގައި ނުހޯދޭ ތަށްޓެއް ނެތް ކަމަށެވެ.

ޕީޓާ ޗެކު އާސެނަލާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން 11 އަހަރު އޭނާ ހޭދަކުރީ ވާދަވެރި ޗެލްސީގައެވެ. ކްލަބު ކެރިއަރުގައި އެންމެ ގިނަ ކާމިޔާބީތަކެއް ހޯދާ، ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުންގެ ލެވެލްއަށް ޗެކު ގޮސްފައި ވަނީވެސް ޗެލްސީގައެވެ.

ޗެކު 2003 ވަނަ އަހަރު ޗެލްސީއާ ގުޅިފައިވާ އިރު، އޭނާ ވަނީ ކްލަބާއެކު ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް 2012 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ނެގި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ޗެކެވެ.

އުމުރުން 36 އަހަރުގެ ޗެކު ވަނީ ޗެކުރިޕަބްލިކްގެ ގައުމީ ޓީމަށްވެސް 124 މެޗު ކުޅެދީފައެވެ. ކްލަބު ފުޓުބޯޅައިގެ އިތުރުން ގައުމީ ޓީމުގެވެސް ލެޖެންޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޗެކަށް ވަނީ ކެރިއަރުގައި ބޮޑު އަނިޔާއެއްވެސް ވެފައެވެ. އެ އަނިޔާގެ ސަބަބުން މިހާރުވެސް އޭނާ މެޗުތަކަށް ނުކުންނަނީ ހެލްމެޓެއްގައެވެ.

ރިޓަޔާމަންޓް އިއުލާން ކުރަމުން ޗެކު ބުނެފައި ވަނީ މުސްތަގުބަލުގައި ކުރާނެ ވަކި ކަމެއް އަދި ނުވިސްނާ ކަމަށާއި، ސީޒަން ނިމިި، ހުރިހާ ކަމެއްވެސް ހަމައަކަށް އެޅުމުން އެކަންކަމާ ވިސްނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު