ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރަން ޖެހުނުއިރު، މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހިއްޖެއެވެ.

ކުއާޓާގައި ރެއާލް އާއި ޔުވެންޓަސް ބައްދަލުކުރަން ޖެހުނުއިރު މި ދެ ޓީމަކީ މިދިޔަ ސީޒަނުގައި މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމެވެ. އެފަހަރު 1-4 އިން ޔުވެންޓަސް ބަލިކުރުމަށްފަހު ރެއާލް އިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. ރެއާލް އަކީ ފާއިތުވި ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމުކަން ފާހަގަކޮށްލެވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ ޔުވެންޓަސްގެ ދަނޑުގައެވެ.

ކުއާޓާގައި އިނގިރޭސިވިލާތުގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ލިވަޕޫލް ބައްދަލުކުރަން ޖެހުނުއިރު މި ސީޒަނުގައި ޕްރިމިއަރ ލީގުގައި މި ދެ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެގޮތުން ސިޓީގެ ދަނޑުގައި ކުޅުނު މެޗު 0-5 އިން ކާމިޔާބުކުރީ ސިޓީން ކަމަށްވާއިރު ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު 3-4 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު އޮންނާނީ ލިވަޕޫލްގެ ދަނޑުގައެވެ.

ޗެލްސީ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި ސްޕެއިންގެ ބާސެލޯނާ ކުއާޓާގައި ބައްދަލުކުރާނީ އިޓަލީގެ ރޯމާއާއެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ކުއާޓާގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށްފަހު ކުއާޓާ އިން ޖާގަ ހޯދި ސްޕެއިންގެ ސެވިއްޔާއާއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރަތަމަ ލެގުގެ މެޗުތަށް ކުޅޭނީ އަންނަ މަހުގެ ތިނެއް އަދި ހަތަރެއްގައެވެ. ދެވަނަ ލެގުގެ މެޗުތަށް އޮންނާނީ އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހުއެވެ.