ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ޔުވެންޓަސް އޮތީ ޗެމްޕިއަންސް ލީގު ހޯދުމަށް ތައްޔާރުވެފައި ކަމަށް ޓީމުގެ ކެޕްޓަން، އަދި ތަޖުރިބާކާރު ޑިފެންޑަރު ޖޯޖިއޯ ކިއެލީނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ހޯދުމަށް ޔުވެންޓަސްއަށް އޮތް ފުރުަސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑިފެންޑަރު ކިއެލީނީ އެންމެ ބޮޑަށް ފާހަގަކުރީ ރޮނާލްޑޯގެ ވާހަކައެވެ. ކިއެލީނީ ބުނެފައި ވަނީ ރޮޮނާލްޑޯއަކީ އޭނާއަށްވުރެ ހަގު ކުޅުންތެރިއެއް ނަމަވެސް، ދަނޑުމަތީގެ އިތުރުން ދަނޑު ބޭރުންވެސް ރޮނާލްޑޯގެ ފަރާތުން އެތައް ކަމެއް ދަސްވަމުންދާ ކަމަށެވެ.

"ރޮނާލްޑޯއަކީ އެތައް ގޯލެއް ޖަހާ ކުޅުންތެރިއެއް. ޔުވެންޓަސްގެ ހުވަފެންތައްވެސް އޭނާ ވަނީ އެތައް ފަހަހަރަކު ފުނޑުފުނޑު ކޮށްލާފަ. އޭނާއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ދަނޑުމަތީގައި އެކަންޏެއް ނޫން ރޮނާލްޑޯގެ އަސަރު ޓީމަށް ފެންނަނީ. ދަނޑު ބޭރުން މާބޮޑަށް ފެނޭ. ރޮނާލްޑޯގެ ބުރަ މަސައްކަތުގެ އިތުރުން މެޗުތަކަށްވާ ތައްޔާރީ. އޭނާއާއެކު މުޅި ޓީމު ބަދަލުވެއްޖެ،" ކިއެލީނީ ބުންޏެވެ.

ކިއެލީނީ ބުނެފައި ވަނީ ރޮނާލްޑޯ އައުމުގެ ކުރިން، ޗެމްޕިއަންސް ލީގަކީ ހުވަފެނެއް ނަމަވެސް، އޭނާއާއެކު އެއީ ވާސިލް ވެވޭނެ ޓާގެޓަކަށް ވެފައިވާ ކަމަށެވެ. އަދި މި ފުރުސަތަކީ 1996 ވަނަ އަހަރަށްފަހު، ޔުވެންޓަސްއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލާ ފަހަރަށްވުމަކީ ގާތުގައި އޮތް ކަމެއް ކަމަށްވެސް ކިއެލީނީ ބުންޏެވެ.

ކިއެލީނީ ބުނެފައި ވަނީ އުމުރުން ދުވަސްވި ނަމަވެސް، އޭނާއަށް ޖެހުލުމެއް ނެތް ކަމަށާއި، ދަނޑުމަތީގައި 100 ޕަސެންޓް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އޭގެ އިތުރުން އޭނާ ބުނީ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުމަކީ އޭނާއަށް ގަބޫލުވެސް ކުރެވުނު ކަމެއް ނޫން ކަމަށާއި، އެއީ ޗެމްޕިއަންސް ލީގަށް ލިބުނު ރަނެއް ކަމަށެވެ.

މި ސީޒަންގައި ރެއާލް ދޫކޮށް، ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ ރެއާލްއާއެކު ޖެހިޖެހިގެން ތިންފަހަރު ޗެމްޕިއަންސް ލީގު ހޯދައިގެންނެވެ. މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 19 މެޗުން 14 ގޯލް ރޮނާލްޑޯ ޖަހާފައިވާ އިރު، އޭނާއަކީ ޓީމުގެ ޓޮޕް ސްކޯރާއެވެ.

ޔުވެންޓަސްއަކީ އަބަދުވެސް ޔޫރަޕްގައި ފާހަގަކޮށްލެވޭ ގަދަ ބާރެވެ. 2015 އަދި 2017 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފައިވާ އިރު، އެ ދެފަހަރުންވެސް ފައިނަލްގައި ވީ ބައްޔެވެ. 2017 ވަނަ އަހަރު ފައިނަލްގައި ރެއާލް އަތުން ބަލިވި އިރު، އެ މެޗުގައި ރޮނާލްޑޯ ދެ ގޯލްވެސް ޖެހިއެވެ.