ސައުދީ އަރަބިޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ ކުޅުނު ސުޕާކޮޕާ އިޓަލިއާނާގައި، ޔުވެންޓަސްއިން އޭސީ މިލާން ބަލިކޮށްފިއެވެ.

ރޭގެ ފައިނަލް، ޔުވެންޓަސްއިން 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، މެޗުގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ޕޯޗުގީޒުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސްއިން ވަނީ ރެކޯޑު އަށްވަނަ ފަހަރަށް ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް ފެވަރިޓުންނަކީ ޔުވެންޓަސްއެވެ. ރަނގަޅު ފޯމެއްގައި ޔުވެންޓަސް މެޗަށް ނުކުތް އިރު، މެޗުގެ ކުރީކޮޅުގައި މިލާންގެ ޕެޓްރިކް ކުޓްރޯންގެ ހަމަލާއެއް ވަނީ ގޯލްގެ މަތީ ދަނޑިއަށްވެސް އަމާޒުވެފައެެވެ.

ދެޓީމުންވެސް ހަމަހަމަ ކުޅުމެއް ފެންނަމުން ގޮސް، ދެވަނަ ހާފަށް ނުކުމެ ޔުވެންޓަސްއިން ލީޑު ނެގިއެވެ. މެޗުގެ 61 ވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ގޯލް ޖެހީ ރޮނާލްޑޯއެވެ.

މެދުތެރެއިން ޔަނިޗް ހިއްލާލި ބޯޅަ، ވަރަށް ރީތިކޮށް އޭރިއާ ތެރެއަށް ވެއްޓުނު އިރު، ރޮނާލްޑޯ ބޯޅަ ގޯލަަށް ވައްދާލީ ބޮލުންނެވެ. މިރޭގެ ގޯލަކީ ޔުވެންޓަސްއަށް ރޮނާލްޑޯ ޖަހައިދިން 16 ވަނަ ގޯލެވެ.

މިރޭގެ ލޯތަށް އަމާޒުވެފައިވާ މިލާންގެ ފޯވަޑް، ގޮންޒާލޯ ހުގުއައިންވެސް މެޗުން ފެނިފައިވެއެވެ. ހިގުއައިން މިލާން ދޫކޮށް ޗެލްސީއަށް ދާނެ ކަމުގެ ވާހަކަތައް ދެކެވިފައިވާ އިރު، މިލާންގެ ކޯޗު ގަޓޫސޯ އޭނާ ބޭނުން ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.