ދެކުނު ކޮރެއާއިން އޭޝިއަން ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެފަހު މެޗުގައި ޗައިނާ ބަލިކޮށް، ގްރޫޕް ސީގެ އެއްވަނަ ހޯދައިފިއެވެ.

އުމުރުން 26 އަހަރުގެ ކެޕްޓަން ސޮން، ގައުމީ ޓީމާ ގުޅުނީ މިދިޔަ ހަފްތާ ޓޮޓެންހަމްއިން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗަށްފަހުގައެވެ. ރޭގެ މެޗުގައި ސޮން ނުފެންނާނެ ކަމަށް ނުބެލެވުނު ނަމަވެސް، އޭނާ ވަނީ 89 މިނެޓް ކުޅެފައެވެ.

ރޭގެ މެޗު 2-0ގެ ނަތީޖާއަކުން ނިމުނު އިރު، ދެ ގޯލްގައިވެސް ސޮންގެ ހިއްސާ ބޮޑެވެ.

ދެކުނު ކޮރެއާގެ ފުރަތަމަ ގޯލް، އެޓީމުން ޕެނެލްޓީއަކުން ކާމިޔާބުކޮށްފައިވާ އިރު، އެ ގޯލް ޖެހީ ވޭންގް ޔުއިޖޯއެވެ. އެ ޕެނެލްޓީ ކޮރެއާއަށް ލިބުނީ އޭރިއާ ތެރެއިން ސޮންއަށް ކުރި ފައުލަކާއެކުގައެވެ.

އަދި ފަހުން އެޓީމުން ޖެހި ގޯލް، ކިމް މިން ހައިއަށް ތަނަވަސް ކޮށްދިނީވެސް ސޮންއެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް، ޗައިނާއާއި ދެކުނު ކޮރެއާ ވަނީ ދެވަނަ ބުރަށް ކޮލިފައިވެއެވެ. އެހެން ނަމަވެސް ގްރޫޕްގެ އެއްވަނައާއެކު ދެކުނު ކޮރެއާއަށް ވަނީ ގަދަ 16ގައި ޖެހޭ ޓީމު ފަސޭހަވާނެކަން ޔަގީންވެފައެވެ. އެޓީމަށް ގަދަ 16ގައި ނުކުންނަން ޖެހޭނީ ގްރޫޕް ސްޓޭޖުގައި ތިންވަނަ ހޯދި ޓީމަކާ ދެކޮޅަށެވެ.