ޕޯޗުގީޒްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ރޭޕ ކުރި ކަމަށް ބުނާ ކެތުރީން މަޔޯގާ، މައްސަލަ ސާބިތު ކުރުމަށް ރޮނާލްޑޯ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޭސްމީން ލެނާޑްގެ އެހީ ހޯދައިފިއެވެ.

ކެތުރީން ލޯޔަރު ބުނެފައި ވަނީ 2009 ވަނަ އަހަރު ރޮނާލްޑޯ، އޭނާގެ ކްލައިންޓް ރޭޕް ކުރި ކަން ކޯޓުގައި ސާބިތު ކޮށްދިނުމަށް އެހީވެދޭން ޖޭސްމީން ހުށަހެޅި ކަމަށެވެ. އަދި އެކަމަށް ޖޭސްމީންގެ ފަރާތުން އެހީ ހޯދާފައިވާ ކަމަށްވެސް ކެތުރީންގެ ލޯޔަރު ބުނެފައިވެއެވެ.

ރޮނާލްޑޯގެ ލީގަލް ޓީމުން ބުނެފައި ވަނީ ރޭޕް ކުރި ކަމަށްބުނެ، ކެތުރީން ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އޭނާގެ ކުރީގެ ލޯބިވެރިޔާއާ އޭރު ދިމާވެފައި ނުވާ ކަމަށެވެ.

ރޮނާލްޑޯ އޭރު ލޯބީގެ ގޮތުން ގުޅިގެން އުޅެފައި ވަނީ އިނގިރޭސިވިލާތުގެ ރިއާލިޓީ ޓީވީ ތަރިއަކާއެވެ. އެގޮތަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، ރޮނާލްޑޯގެ ވަކީލުން ބުނެފައި ވަނީ މީގެ 10 އަހަރު ކުރިން ޖޭސްމީންއާ ރޮނާލްޑޯއާ ބައްދަލުވެފައި ނުވާ ކަމަށާއި، އޭނާ އަޑު އިއްވާފައިވާ ވޮއިސް ކްލިޕް ތަކަކީ ރޮނާލްޑޯގެ އަޑު ނޫން ކަމަށެވެ.

ރޮނާލްޑޯގެ މައްޗަށް ރޭޕްގެ ތުހުމަތު ކޮށްފައި ވަނީ ލާސް ވޭގާސްގައި ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށެވެ.

އެކަންކަން ރޮނާލްޑޯ ދޮގު ކޮށްފައިވާ އިރު، އެ މައްސަލައިގައި ރޮނާލްޑޯގެ ޑީއެންއޭ ޓެސްޓް ހަދަން ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.