ޗެލްސީގެ ސްޕެއިން ފޯވަޑް، އަލްވާރޯ މޮރާޓާ، އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފިއެވެ.

ސަޕެއިންގެ ފުޓުބޯޅަ ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ގުއިލެމް ބަލަގޫ ބުނެފައި ވަނީ މޮރާޓާއާއި އެތުލެޓިކޯއާ ދެމެދު އެއްބަސްވުމަށް އާދެވިފައިވާ ކަމަށާއި، ޗެލްސީން ގޮންޒާލޯ ހިގުއައިން ގެންދަން ކުރާ މަސައްކަތް ކާމިޔާބުވުމާއެކު ޑީލް ނިމޭނެ ކަމަށެވެ.

ހަބަރުތައް ބުނެފައި ވަނީ ޗެލްސީން ހުގުއައިން ގެންދިޔުމަށް އެންމެފަހުގެ ތައްޔާރީތައް ނިންމާފައިވާ ކަމަށާއި، އިއްޔެ މެޑިކަލްވެސް ނިންމާ، އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަން ތައްޔާރުވެފައިވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ މޮރާޓާ ޗެލްސީއަށް ސޮއިކުރީ 2017 ވަނަ އަހަރު ޖުލައި ޓްރާންސްފާގައެވެ. އޭނާ ޗެލްސީއަށް ސޮއިކުރީ ކްލަބު ރެކޯޑު 60 މިލިއަން ޕައުންޑަށެވެ. މި ސީޒަންގައި މޮރާޓާއަށް އެންމެ އެދެވޭ ގޮތަށް ނަތީޖާ ނެރެވިފައިނުވާ އިރު، އޭނާއަށް 24 މެޗުން ޖެހިފައި ވަނީ ނުވަ ގޯލެވެ.

ޗެލްސީއަށް މޮރާޓާ ގެންދިޔައީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ނަމަވެސް، އޭނާގެ ދަށް ފޯމާއެކު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީވެސް ބުނެފައި ވަނީ ވީ އެންމެ އަވަހަކަށް ފޯވަޑް ބޭނުންވާ ކަމަށެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮރާޓާ ފުރަތަމަ އެއްބަސްވީ ސެވިއްޔާއަށް ދިޔުމަށް ނަމަވެސް، އެތުލެޓިކޯއިން ބޭނުންވާކަން އެނގުމާއެކު އޭނާގެ ވިސްނުން ބަދަލުކުރިއެވެ. މޮރާޓާ ގެންދިޔުމަށްފަހު އެތުލެޓިކޯއިން ބައެއް ކުޅުންތެރިން ވިއްކާލާނެ ކަމަށް ބެލެވެއެވެ.

އެ ކުޅުންތެރިން ކަމަށް ސްޕެއިން މީޑިއާއިން ބުނެފައި ވަނީ ނިކޯލާ ކްލަނިޗްއާއި ގެލްސޮން މާޓިންސްއެވެ.