އުމުރުން 104 އަހަރުގެ "ޑައިހާޑް" ލިވަޕޫލް ސަޕޯޓަރު، ބާނާޑް ޝެރިޑަންއަކީ އެންމެ ކުޑައިރުންސުރެ ކްލަބުގެ ކަންކަން ބަލާ، ކްލަބަށް މަރުދޭ ސަޕޯޓަރެކެވެ.

ކުޑަކުޑައިރު، ޝެރިޑަންގެ ބޮޑުބޭބެއާއެކު ލިވަޕޫލްގެ މެޗުތަކަށް އޭނާ ދާންފެށިއެވެ. ލިވަޕޫލްގެ އެންމެ ވާދަވެރި ކްލަބު، އެވަޓަންއާ ދެކޮޅަށް 1923 ވަނަ އަހަރު ލިވަޕޫލް ކުޅުނު މެޗަކީ ޝެރިޑަންގެ ހަނދާނުގައިވާ އޭނާ ފުރަތަމަ ބެލި ލިވަޕޫލްގެ މެޗެވެ.

"އަހަރެން ކުޑަކުޑައިރުންސުރެ، ފަހުރުވެރިކަމާއެކު ލިވަޕޫލަށް ސަޕޯޓުކުރަން. ކްލަބަށް ކުރިމަތިވި އެންމެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައިވެސް އަހްނަކީ ލިވަޕޫލް ސަޕޯޓަރެއް. 104 ވަނަ އުފަން ދުވަހާ ދިމާކޮށް، ކްލޮޕްގެ ހާއްސަ ދައުވަތެއް ލިބުނީތީ އުފާކުރަން،" ޝެރިޑަން ބުންޏެވެ.

ޝެރިޑަންގެ އުފަން ދުވަހާ ދިމާކޮށް، ލިވަޕޫލްގެ ކޯޗުގެ އަމިއްލަ އަތުން ލިޔެ، އޭނާއަށް ނޯޓެއް ފޮނުވާފައިވެއެވެ. ނޯޓުގައި ހާއްސަ މެސެޖަކާއެކު ލިވަޕޫލުން މިއަދު ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗު ބެލުމަށް ދައުވަތު ދީފައިވެސްވެއެވެ. އަދި މެޗުގެ ޓިކެޓެއްވެސް ކްލޮޕް ވަނީ ޝެރިޑަންއަށް ފޮނުވާފައެވެ.

ޝެރިޑަންއަށް ކްލޮޕް ދިން ހާއްސަ ހަދިޔާއާއެކު ލިވަޕޫލްގެ ބައެއް އޮފިޝަލުން ވަނީ ޓިތެބާން ކެއާ ހޯމްއަށް ގޮސްފައެވެ. އޭނާ ބުނެފައި ވަނީ އުފަން ދުވަހުގެ އެންމެ ބޮޑު ހަދިޔާއަކަށް ވާނީ ލިވަޕޫލުން ކްރިސްޓަލް ޕެލެސް ބަލިކުރާތަން ބަލާލުން ކަމަށެވެ.

ކްލޮޕް ދިން ހަދިޔާ ޕެކޭޖުގައި 104 ޕްރިންޓް ކޮށްފައިވާ ލިވަޕޫލް ޖާޒީއެއްގެ އިތުރުން ލިވަޕޫލް ތީމް ކޭކެއް ހިމެނެއެވެ. ޝެރިޑަންއަށް ހަތް ކާފަ ދަރިން ތިބި އިރު، 14 މުނިކާފަ ދަރިން އެބަތިއްބެވެ. އޭނާ މެޗަށް ދާނީ އާއިލާއާވެސް އެކުގައެވެ. އެ މެޗުގައި ބައިވެރިވުމަށް އޭނާގެ އެއް ދަރިއަކު ކެނެޑާއިންވެސް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު