ގައުމީ ފުޓުބޯޅަ ލެޖެންޑް، އިމްރާން މުހައްމަދު (އިމްމަ)، ރަސްމީކޮށް ގައުމީ ޓީމުން ރިޓަޔާ ކުރާ މެޗުގެ ޓިކެޓް ފައިސާއިން ބައެއް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީއަށް ހަދިޔާކޮށްފިއެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީއަށް އިންމަ ވަނީ 22،475 (ބާވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ހަދިޔާކޮށްފައެވެ

އިމްމަގެ ރިޓަޔާމަންޓް މެޗު، މީގެ ދެ ހަފްތާ ކުރިން ގައުމީ ދަނޑުގައި ކުޅެފައިވާއިރު، މެޗުގައި ކުޅެފައިވަނީ އިމްމަގެ 11އަކާ އެފްއޭއެމްގެ 11އެކެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުގެރޭ ކުޅުނު އެ މެޗުން އިމްރާން ގައުމީ ޓީމަށް އަލްވަދާއު ކީ ނަމަވެސް އޭނާ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓަލައިފަ އެވެ. ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާކުރީ 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ.