ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުގައި ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

މި ސީޒަންގެ ލަލީގާގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ރެއާލް، މިރޭގެ މޮޅާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައިވާ އިރު، މިރޭގެ މެޗަކީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެޓީމަށް މުހިއްމު މެޗެކެވެ. މިރޭގެ މޮޅާއެކު އެޓީމަށް 20 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، ސެވިއްޔާ ހަތަރުވަނައިގައި އޮތީ 20 މެޗުން 33 ޕޮއިންޓާއެކުގައެވެ.

ލީގުގެ އެއްވަނައިގައި ބާސެލޯނާއިން 19 މެޗުން 43 ޕޮއިންޓާއެކު އޮތް އިރު، އެޓީމާ އެންމެ ގާތުން ދެވަނައިގައި އޮތީ 20 މެޗުން 39 ޕޮއިންޓާއެކު އޮތް އެތުލެޓިކޯ މެޑްރިޑެވެ.

މިރޭގެ މެޗުގައި ރެއާލްއިން ސެވިއްޔާ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް، ރެއާލްއިން ދެ ގޯލްވެސް ޖެހީ ފަހުކޮޅުގައެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލްއިން ކުޅުނު ނަމަވެސް، އެޓީމަށް ލިބުނު ފުރުސަތުތަކުގައި ބޭނުންކުރެވޭ ގޮތެއް ނުވިއެވެ. ބޯޅަ ގޯލަށް ނިންމާލާނެ ކުޅުންތެރިއެއްގެ މައްސަލަ އެޓީމަށް ދިމާވެފައިވާ އިރު، މިދިޔަ ނުވަ ސީޒަނުގައިވެސް އެޓީމަށް ގޯލްތައް ޖަހައިދިން "ގޯލް މެޝިން" ރޮނާލްޑޯ ވަނީ މި ސީޒަނަށް ޔުވެންޓަސްއަށް ބަދަލުވެފައެވެ.

ރެއާލްއަށް ގޯލެއް ޖެހުމަށް އުނދަގޫތަކަކާ ކުރިމަތިވަމުންދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ބްރެޒިލް މިޑްފީލްޑަރު ކަސަމޭރޯއެވެ. އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާ ހިތްގައިމެވެ. އެ ގޯލާއެކު ރެއާލްއިން މޮޅަކަށް ހިފަހައްޓަމުން ދިޔައެވެ. އަދި ފަހު މިނެޓުގައި ގޯލް ޖަހާ، މޮޅު ޔަގީންވެސް ކުރިއެވެ.

މެޗުގެ ފަހު މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރ، އަދި ބެލޮންޑިއޯ ހޯދި ލޫކާ މޮޑްރިޗެވެ.