އިނގިރޭސި ފުޓުބޯޅައިގައި އެންމެ ވާދަވެރި އެއް މެޗު، ލަންޑަން ޑާބީގައި އާސެނަލްއިން ޗެލްސީ ބަލިކޮށްފިއެވެ.

މިރޭ އާސެނަލްގެ އެމިރޭޓްސްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ ހަލުވި ކުޅުމެކެވެ. ދެޓީމުންވެސް މޮޅަކަށް ފެން ބޮވަގަނެފައިވާ މިންވަރު، ހަލުވިކޮށް ޖަހަމުން ދިޔަ ކުދި ޕާސްތަކުން ފެނުނެވެ.

މެޗުގެ ކުރީކޮޅުގައި ޗެލްސީއަށް ނުރައްކާކުރީ އާސެނަލްއިންނެވެ. ހާއްސަކޮށް އެޓީމުން އެޓޭކްތައް ފުލުފުލުގައި އުފައްދަން ފެށުމުން ޗެލްސީއަށް އެކަން ހުއްޓުވަން އުދަގޫވިއެވެ. އެލެކްސެންޑްރާ ލަކަޒެޓްގެ ހަމަލާއެއް ގޯލް ކައިރިން ވައި އަޅާފައި ދިޔަ އިރު، އަބަމަޔާންގގެ ބާރު ހަމަލާއެއް ޗެލްސީ ގޯލްކީޕަރު ދިފާއުކުރިއެވެ.

އާސެނަލްއިން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔަ އިރު، ޗެލްސީއަށް އޮތީ އޮބި ނޯވެފައެވެ. 14 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ހެކްޓާ ބެލަރިން ތިރިތިރީން ދިން ޕާހަކަށް މަސައްކަތް ކޮށް، ލަކަޒެޓް ގޯލްގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލީ ދެ ޑިފެންޑަރުން ކައިރިން ހުނަވެރިކޮށް ނައްޓާލުމަށްފަހުގައެވެ.

އާސެނަލްގެ ގޯލަށްފަހު ޗެލްސީން މެޗުގެ ކޮންސަންޓްރޭޝަން އިތުރު ކޮށް، ހިތްވަރު ގެއްލުވާނުލަން މަސައްކަތް ކުރިއެވެ. ވިލިއަންގެ ހަމަލާ ބޭރުން ދިޔަ އިރު، މާކަސް އެލޯންސޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ޗެލްސީން ހާފް ނިމުމުގެ ކުރިން އެއްވަރުކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އަނެއްކާވެސް ގޯލް ޖެހީ އާސެނަލްއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި އާސެނަލްގެ ޑިފެންޑަރު ލޮރެންޓް ކޮޝިއެލްނީ ގޯލް ޖެހީ ހެކްޓާ ބެލަރިންގެ ރީތި ހުރަހެއް، އޭރިއާ ތެރޭގައި ހުހަށް އޮވެ، ގޯލަށް ފޮނުވާލައިިގެންނެވެ. ޗެލްސީ ކުޅުންތެރިން ތިބީ އޮފްސައިޑް ކަމަށް ބަލާ ދޫކޮށްލައިގެންނެވެ.

ދެވަނަ ހާފައިގެން ކުރިއަށް ދިޔަ އިރު، ޗެލްސީން ގިނަ ވަގުތު ކުޅެމުން ދިޔައެވެ. އެހެން ނަމަވެސް، އެޓީމަށް އެންމެ އެކަށޭނެ ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ. އެއާ ހިލާފަށް އާސެނަލްއިން ކުރިއަށް ޖެހިލާ ކޮންމެ ފަހަރަކު ޗެލްސީއަށް ނުރައްކާ ކުރިއެވެ.

ހާއްސަކޮށް ލަކަޒެޓް އަދި އަބަމަޔާންގެ ހަލުވިކަން ފާހަގަ ކޮށްލެވުނެވެ. ޗެލްސީން ކުރިއަށް ޖެހި ކުޅުނު ކުޅުމުގައި ވިދާލީ އާސެނަލްގެ ޑިފެންޑަރު ކޮޝިއެލްނީއެވެ. ބޮޑު އަނިޔާއަކަށްފަހު ފިޓްވަމުން ދިޔަ ކޮޝިއެލްނީ ވަނީ އާސެނަލްގެ ޑިފެންސުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މިރޭގެ މެޗުން މޮޅުވެ، އާސެނަލް ވަނީ ގަދަ ހަތަރަކަށް އަނެއްކާވެސް އުންމީދު ބޮޑު ކޮށްފައެވެ. ޗެލްސީއަށް 23 މެޗުން 47 ޕޮއިންޓް ލިބުނު އިރު، އާސެނަލަށް 23 މެޗުން ލިބެނީ 44 ޕޮއިންޓެވެ. އެޓީމު ފަސްވަނައިގައި އޮތް އިރު، ހަވަނައިގައި އޮތް ޔުނައިޓެޑަށްވެސް ޕޮއިންޓް ލިބެނީ އެ އަދަދަށެވެ. އާސެނަލްއަށް ފަސްވަނަ ލިބެނީ ގޯލް ތަފާތުންނެވެ.