އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީން ކުޅުނު މެޗުތައްވެސް އެޓީމުން ކާމިޔާބުކޮށްފިއެވެ.

ލީގުގެ ދެވަނައިގައި އޮތް ސިޓީން މިރޭ ކުޅުނު ހަޑަލްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ، ސިޓީން ވަނީ ލިވަޕޫލާ ހަތަރު ޕޮއިންޓަށް ގާތް ކޮށްފައެވެ. އެޓީމަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗަށް ހަޑަލްސްފީލްޑް ނުކުތީ އެޓީމުގެ އެސިސްޓެންޓް ކޯޗު މާކު ހަޑްސަންގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ ހަފްތާ ތެރޭގައި އެޓީމުގެ ކޯޗު ޑޭވިޑް ވެގްނާއާއި ކްލަބާ ދެމެދު ކޮންޓްރެކްޓް ވަނީ އުވާލާފައެވެ.

ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް 19 ގޯލް ޖަހާފައިވާ ސިޓީއަށް މިރޭގެ ފުރަތަމަ ހާފްގައިވެސް ފުލުފުލު އެޓޭކް ކުރިއެވެ. އެހެން ނަމަވެސް ގޯލެއް ޖެހުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ހަމަލާތައް ގިނަ ކުރަމުން ގޮސް ސިޓީން ގޯލް ޖެހީ 18 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ޑެނީލޯއެވެ. ޑެނީލޯ ގޯލް ހުޅުވާލީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މެޗުގެ ދެވަނަ ހާފަށްފަހު، ދެވަނަ ހާފްގެ ކުރީކޮޅުގައި ސިޓީން ދެ ގޯލް ޖެހިއެވެ.

ސިޓީގެ ގޯލްތައް ޖަހައިދިނީ ރަހީމް ސްޓާލިންގާއި ލެރޮއި ސާނޭއެވެ. ދެ ގޯލްގައިވެސް އަގުއޭރޯގެ މަސައްކަތް ފާހަގަކޮށްލެވުނެވެ.

ލީގު ތާވަލުގެ ތިންވައިގައި އޮތް ޓޮޓެންހަމްއިން މިރޭ ކުޅުނު ފުލްހަމްއާ ދެކޮޅަށެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ޓޮޓެންހަމް މޮޅުވި ގޯލް، މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ހެރީ ވިންކްސްއެވެ.

މެޗުގެ ފުރަތަމަ ހާފް ޓޮޓެންހަމްއަށ ދިޔައީ ގޯހުން ގޯހަށެވެ. އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅުނު ހެރީ ކޭންގެ ބަދަލުގައި މެޗަށް ނުކުތް، ލޮރެންޓޭ އަތުން 17 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ގޯލާއެކު ޓޮޓެންހަމްއިން ހާފް ނިންމާލީ ފަހަތުގައި އޮވެގެންނެވެ.

ފުރަތަމަ ހާފްގައި ފުލްހަމް މޮޅަށް ކުޅެ ނުވަ ހަމަލާއެއް ގޯލަށްވެސް ފޮނުވާލާފައިވެއެވެ.

ފުރަތަމަ ހާފްގައި ފުލްހަމްއިން މެޗު ހިފެހެއްޓި ނަމަވެސް، ފަހު ހާފްގެ ކުރީކޮޅުގައި ޓޮޓެންހަމްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. 51 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑެލީ އަލީ ގޯލް ޖެހި އިރު، އެ ގޯލާއެކު ޑެލީ އަލީއަށް ވަނީ އަނިޔާވެފައެވެ.

ހެރީ ކޭންވެސް އަނިޔާގައި ހުރި އިރު، ޑެލީ އަލީއަށް އަނިޔާވެ، ސޮން އޭޝިއަން ކަޕްގައި ކުޅުމަށް ގައުމީ ޓީމާއެކު ހުރި އިރު، ޓޮޓެންހަމްއަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.

މެޗުން މޮޅުވި ގޯލް، ފަހު ސިކުންތުގައި ޓޮޓެންހަމްއަށް ޖަހައިދިނީ ވިންކްއެވެެ.

ލީގުގެ ދެވަނައިގައި ޓޮޓެންހަމް އޮތީ 23 މެޗުން 51 ޕޮއިންޓެވެ. ފުލްހަމް އޮތީ ތާވަލުގެ ފަހަތުން ދެވަނައިގައި 14 ޕޮއިންޓާއެކުގައެވެ.