ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފޮނަދުއަށް އަމާޒުކޮށްގެން ބާއްވާ މުބާރާތުގައި ފޮނަދޫގެ ޓީމުގެތަކުގެ އިތުރުން ހާއްސަ ދައުވަތެއްގެ ގޮތުގައި ލ. ކައްދޫ އަދި މާންދު، އެމްއެންޑީއެފްގެ އިތުރުން ލާމު ސިކްސް ސެންސް ރިސޯޓުގެ ޓީމުތަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރު ފޮނަދޫއަށް އެކަނި ޓީމުތަކަށް ހުޅުވާލި ނަމަވެސް، އުންމީދަކީ ކުރިއަށް އޮތް ތަނުގައި މުޅި ސަރަހައްދަށް މުބާރާތް ހުޅުވާލުން ކަމަށެވެ. އަދި މިފަހަރުވެސް ގަވާއިދު ބުނާގޮތުން ރަށުން ބޭރު ދެ ކުޅުންތެރިޔަކު ޓީމު ލިސްޓްގައި ހިމެނުމަށް ޓީމުތަކަށް ފުރުސަތު ލިބޭނެ ކަމަށްވެސް މުބާރާތް ބާއްވާ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތު ދެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު، ރަސްމީ ފޭސްބުކް ޕޭޖު "ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު"އިން ލިބޭ އިރު، މުބާރާތުގައި ބައިވެރިވުމަށް ސުންގަޑިއަކީ އަންނަ މަހު ފަސްވަނަ ދުވަހެވެ. މެދުއަވަށު ފުޓްސަލް ދަނޑުގައި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 14 ވަނަ ދުވަހުއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ "ވަގުތު"އެވެ.