ޗެލްސީއާ ސޮއިކުރުމާ ގާތުގައި ހުރި އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އަދިވެސް ހުރީ އިޓަލީގައި ކަމަށް މީޑިއާތައް ރިޕޯޓު ކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައިވެސް ހިގުއައިން ޗެލްސީއަށް ދާނެކަމަށް ގިނަ ބަޔަކު ބުނަމުދިޔަ ނަމަވެސް، އޭނާގެ ޓްރާންސްފާ އަދިވެސް ނިންމާފައެއް ނުވެއެވެ. މިވަގުތު ޔުވެންޓަސްގެ ލޯނެއްގައި އޭސީ މިލާނަށް ހިގުއައިން ކުޅެމުންދާ އިރު، ލޯން އެއްބަސްވުމެއްގައި ޗެލްސީއަށް އޭނާ ފޮނުވުމަށް ޔުވެންޓަސްއިން ވަނީ އެއްބަސްވެސް ވެފައެވެ.

އެންމެފަހުން އޭސީ މިލާނުން ލީގުގައި ގެނޯއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ސްކޮޑާއެކު އުމުރުން 31 އަހަރުގެ ހުގުއައިން ދަތުރު ކޮށްފައެއް ނުވެއެވެ.

ހިގުއައިން ނެތްތައް ފޫބެއްދުމަށް މިލާނުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ގެނޯއާގެ ފޯވަޑް، ރިޒްޓޮފް ޕިއަޓެކް ޓީމަށް ގެންދިޔުމަށް އޭސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އުމުރުން 23 އަހަރުގެ ޕިއަޓެކްއާ ގުޅޭ ގޮތުން ގެނޯއާއިން ބުނެފައި ވަނީ ވަރަށް އަވަހަށް އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ ކަމަށާއި، މިހާރު ނުނިމި އޮތީ ހަމައެކަނި ފައިސާގެ ނިންމުންތަކާއި މެޑިކަލް ކަމަށެވެ.

މިލާނަށް ބަދަލުވި ފުރަތަމަ ދުވަސްކޮޅުގައި ހިގުއައިން ވަނީ ރަނގަޅު ފޯމެއްގައި ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އެންމެ ފުރަތަމަ ކުޅުނު ފަސް މެޗުން ހަ ގޯލް ޖަހައިފައެވެ. އެހެން ނަމަވެސް އެންމެފަހުން މިލާނުން ކުޅުނު 12 މެޗުން ހިގުއައިންނަށް ޖެހުނީ އެންމެ ގޯލެކެވެ.