އަރުޖީތު ސިންހް ފުރަތަމަ މީހުނަށް އެނގުނީ 2005 ވަނަ އަހަރު އޭނާ ބައިވެރިވި ރިޔާލިޓީ ޓީވީ ޝޯއެއް ކަމަށްވާ ފޭމް ގުރުކުލްއިންނެވެ. އޭރު އުމުރުން 18 އަހަރުގެ އަރުޖީތު، އެ ޝޯ ނިންމާލީ ހަވަނައިގައި ނަމަވެސް، އޭނާއަށް ގިނަ ލޯތަކެއް އަމާޒުވިއެވެ. އަދި އިތުރު ރިޔާލިޓީ ޝޯއެއް ކަމަށްވާ 10 ކޭ 10 ލެ ގަޔޭ ދިލްއިންވެސް އޭނާއަށް ޗާންސް ދިނެވެ.

އެހިސާބުން މިއަދާ ހަމައަށް އައިއިރު، އަރުޖީތަކީ އިންޑިއާގެ އެންމެ ނަން މަޝްހޫރު ލަވަކިޔުންތެރިޔާއެވެ. އޭނާ ވަނީ އެތަކެއް އެވޯޑުތަކެއްވެސް ހޯދާފައެވެ. މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހަމުން އަންނަ އަރުޖީތުގެ ނުފެންނަ ފަޅިއަކީ ފުޓުބޯޅައެވެ. އޭނާއަކީ ބަރާބަރަށް ފުޓުބޯޅަ ބަލާ، ކްލަބުތަކުގެ ކަންކަމަށް ބަރާބަރަށް ފޮލޯވެސް ކުރާ މީހެކެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'ގޯލް"އަށް އަރުޖީތު ވަނީ އެ ވާހަތައް ހިއްސާވެސް ކޮށްފައެވެ.

"އިންޑިއާއަކީ ކްރިކެޓްގެ މާހައުލެއް. އެހެން ނަމަވެސް، އަހަންނަށް އަބަދުވެސް ފުޓުބޯޅަ ފޮލޯ ކުރެވޭ. ސްކޫލް ދައުރުން ފެށިގެންވެސް. އޭރު ނުލިބޭނެ މާގިނަ މެޗުތަކެއް ބަލާނެ ފުރުސަތެއް، އެކަމަކު މިހާރު އެބައިވެސް ރަނގަޅު ވެއްޖެ،" ގަތަރުގައި ހުރެ ދީފައިވާ އިންޓަވިއުގައި ބުނެފައިވެއެވެ.

ގަތަރުގައި 2022 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާ އިރު، އަރުޖީތު ބުނެފައި ވަނީ ވޯލްޑް ކަޕް ލަވައިގެ ބައެއް ކިޔާލަން ލިބުމަކީވެސް ލިބޭނެ ޝަރަފެއް ކަމަށެވެ.

"ވޯލްޑް ކަޕް 2022ގެ ތީމް ލަވަ ކިޔާލަން ލިބިއްޖެ ނަމަ، އެކަން ވާނީ ފަހުރަކަށް. އެކަމަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރަން،" އަރުޖީތު ބުންޏެވެ.

އަރުޖީތު ބުނެފައި ވަނީ ގަތަރުގެ ވޯލްޑް ކަޕަކީ ސަޕޯޓަރުންނަށް ހިތްގައިމު ވޯލްޑް ކަޕަށް ވާނެ ކަމަށެވެ، ހާއްސަކޮށް އެގައުމުގެ މެޗުތައް ރީތިވާނެ ކަމާ މެދު ޝައްކުނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ. އަރުޖީތު ވަނީ އިންޓަވިއުގައި ޔޫރަޕްގެ ފުޓުބޯޅައާ ގުޅިގެންވެސް ވާހަކަ ދައްކާފައެވެ.

"އިންޑިއާ ފުޓުބޯޅަ ހުރީ ރަނގަޅު މިސްރާބަކަށް. އަހަންނަކީ އަބަދުވެސް މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރެއް. އަބަދުވެސް އެ ކްލަބުގެ ކަންކަން ބަލާ މެޗުތައް ބަލަން،" އަރުޖީތު ބުންޏެވެ.

މީގެ ކުރިން ވޯލްޑް ކަޕް ލަވަތަކުގައި މަޝްހޫރުކަން ހޯދި ފަންނާނުންނަށް ބަލާ އިރު، ރިކީ މާޓިންސްއާއި ޖެނިފާ ލޮޕޭޒްގެ އިތުރުން ޕިޓްބުލްއާއި ޝަކީރާވެސް ހިމެނެއެވެ.