ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނެލްޓީ ނާކާމިޔާބު ކޮށްލި މެޗުގައި ޔުވެންޓަސްއިން ފަސޭހަ ކަމާއެކު ޗީވޯ ބަލިކޮށްފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ، ޔުވެންޓަސް ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އޮތީ ނަޕޯލީއެވެ.
ރޭގެ މެޗުވެސް ޑޮމިނޭޓްކޮށް، ގިނަ ހަމާލާތައް އުފެއްދީ ޔުވެންޓަސްއިންނެވެ. ހާއްސަކޮށް އެޓީމުން މެޗު ފެށީ ވަރުގަދަ ކޮށެވެ. މެޗުގެ 13 މިނެޓުގައި ޑަގްލަސް ކޯސްޓާ ދުރުން ފޮނުވާލި ބާރު ހަމަލާއާއެކު އެޓީމުން ލީޑު ނެގިއެވެ. އަދި ހާފް ނިމުމުގެ ކުރިން އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ.
ޕައުލޯ ޑީބާލާގެ މޮޅު ހުނަރާއެކު އޭނާ ދުއްވާލި ބޯޅައިގައި ބޭނުން ހިފާ، އެމްރޭ ޗޭން އޭނާ ޔުވެންޓަސްއަށް ޖަހައިދިން ފުރަތަމަ ގޯލާއެކު ލީޑު ފުޅާކުރިއެވެ.
ދެވަނަ ހާފްގެ ކުރީކޮޅުގައި ޔުވެންޓަސްއަށް ލީޑު އިތުރަށް ފުޅާކުރާނެ ފުރުސަތެއް ލިބިގެން ދިޔައެވެ. 53 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލިބުނު ޕެނެލްޓީއާއެކު އެޓީމުން ލީޑު އިތުރަށް ފުޅާކުރާނެ ކަމަށް ބެލެވުނު ނަމަވެސް، ރޮނާލްޑޯގެ ޕެނެލްޓީ މަތަކުރީ ޗީވޯގެ ގޯލްކީޕަރެވެ.
ރޭޕް މައްސަލައިގެ އިތުރުން ޓެކްސް މައްސަލަތަކާ ހުރެވެސް އެތަކެއް ގޮތަކުން އުނދަގޫ ދުވަސްތަކެއް ހޭދަކުރާ ރޮނާލްޑޯ މިރޭގެ މެޗުގައި ލިބުނު އިތުރު ޗާންސްތަކެއްވެސް ވަނީ އޭނާ ބޭކާރު ކޮށްލާފައެވެ.
ޔުވެންޓަސްގެ ތިންވަނަ ގޯލް މެޗުގެ 84 މިނެޓުގައި ޖަހައިދިނީ ޑެނިއަލް ރުގާނީއެވެ.