އިންގްލިޝް ޗެނަލްގެ ތެރެއިން އިއްޔެ ގެއްލުނު މަލިބޫ އެއާކްރާފްޓާއެކު ފުޓުބޯޅަ ދުނިޔެއަށް ކުއްލި ޝޮކެއް ލިބިއްޖެއެވެ. ފްރާންސް ލީގުގެ އެސްސީ ނަންޓެސްއަށް ކުޅުމަށްފަހު ކާޑިފްއަށް ސޮއިކުރި ފޯވަޑް އެމިލިއާނޯ ސަލާ އެ ފްލައިޓްގައި އިން ކަމުގެ ވާހަކަތަކާއެކު ޔޫރަޕްގެ ފުޓުބޯޅަ މާޔޫސް ކޮށްލައިފިއެވެ.

މީގެ ދެތިން ދުވަސް ކުރިން، އާޖެންޓީނާއަށް އުފަން އެމިލިއާނޯ ކާޑިފްއަށް ސޮއިކުރީ އޭނާގެ ހުވަފެނީ ފެނިލުމަކުން އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗު ކުޅެލުމަށެވެ. އުމުރުން 28 އަހަރުގެ ފޯވަޑް، ކްލަބު ރެކޯޑު 15 މިލިއަން ޕައުންޑްގެ އަގެއްގައި ކާޑިފްއަށް ސޮއިކުރީ އެތައް ކްލަބަކުން އޭނާ ހޯދަން މަސައްކަތްވެސް ކުރަމުން ދަނިކޮށެވެ.

އިއްޔެ ގެއްލުނު ކުޑަ ފްލައިޓަކީ އެމިލިއާނީ ނަންޓެސްއިން އިނގިރޭސިވިލާތުގެ ކާޑިފްއަށް ދަތުރުކުރި ފްލައިޓްކަން އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ކާޑިފްއަށް އޭނާ ސޮއިކުރިކަން އިއްޔެ އިއުލާން ކޮށްފައިވާ އިރު، އޭނާގެ މީސްމީޑިއާއަށް އެންމެފަހުން އަޕްލޯޑު ކުރި ފޮޓޯއަކީ ނަންޓެސްގެ ކުޅުންތެރިންނާއެކު އޭނާ ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯގައި ފަހު މެސެޖެއްގެ ގޮތުން އެމިލިއާނޯގެ ކުރީގެ ކުޅުންތެރިންނަށް ދީފައިވާ މެސެޖަކީ "އަދި ދިމާވާނެ" ކަމުގެ މެސެޖެވެ.

އެމިލިއާނޯގެ ފްލައިޓް ގެއްލުނުތާ އިރުތަކެއްވެފައިވާ އިރު، އިދާރާތަކުން ބުނެފައި ވަނީ ފްލައިޓުން ދަތުރުކުރި މީހެއް ސަލާމަތްވުމުގެ ފުރުސަތު ނެތް ކަމަށެވެ. އުންމީދުވެސް އޮތީ އެންމެ ފަސްވަރަކަށް ޕަސެންޓް ކަމަށެވެ.

އެމިލިއާނޯ އެންމެފަހުން ޕޯސްޓް ކުރި ފޮޓޯ ---

އުމުރުން 28 އަހަރުގެ ހުނަރުވެރި ފޯވަޑް، ފްރާންސްގައި ވިދަމުން އަންނަ އިރު، 2015 ވަނަ އަހަރުން މިއަހަރާ ހަމައަށް ނަންޓެސްއަށް އޭނާ ވަނީ 117 މެޗުން 42 ގޯލް ކާމިޔާކޮށްދީފައެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އޭނާ ހޯދި އެންމެ ބޮޑު އެއްޗަކީ ކްލަބުގެ ލޯތްބާއި އިހުތިރާމެވެ.

ނަންޓެސްގެ ޗެއާމަން ވަލްޑެމާ ކިޓާ ވިދާޅުވެފައި ވަނީ އެމިލިއާނޯ އަކީ "އިހުތިރާމް ކުރާ، ގަޑިއަށް ފަރުވާތެރި، އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވާ ފޯވަޑެއް" ކަމަށެވެ. އޭގެ އިތުރުން ފުޓުބޯޅަ ކުރިމަގު އުޖާލާ، ކުރިއަށް ވިސްނާ އިރު، އެމިލިއާނޯއަކީ ތަރިއެއް ކަމަށް ޗެއާމަން ވިދާޅުވިއެވެ.

އެމިލިއާނޯގެ ފްލައިޓް ގެއްލުމާއެކު ކާޑިފްއަށްވެސް ކުރިމަތިވީ ބޮޑު ޝޮކެކެވެ. ކްލަބުން ބުނެފައި ވަނީ ކްލަބާއި މުޅި ފުޓުބޯޅަ އާއިލާއަށްވެސް ލިބިގެން ދިޔައީ ބޮޑު ހިތާމައެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާމިދު

    ކިހާބޮޑުކަމެއް. މަ ލޯބިވާމީހެއްނޫން

    • ހާލިދާ

      ކަލޭ ކޮންމެ ހެން ލޯބިވާކަށް މަޖުބޫރެއް ނޫން ދޯ..

    • ނަބާ

      ބަލަ ކަލޭ ނުޖެހޭ އޭނަދެކެ ލޯބިވާކަށް ،އެއީ ފިރިހެނެކޭ !!