އެފްއޭއެމްއިން އިންތިޒާމް ކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު ނުވަ ޓީމަކުން ވާދަކުރާނެއެވެ.

މިއަހަރު ސީޒަން ފަށާ މުބާރާތަކީ ޔޫތު ޗެމްޕިއަންޝިޕް ކަމަށްވާ އިރު، އެ މުބާރާތް ސީޒަންގެ އެންމެ ކުރިއަށް ހެދުމުގެ މައިގަނޑު މަގުސަދެއް ކަމަށް އެފްއޭއެމްއިން ކުރިން ބުނެފައި ވަނީ މިއަހަރުގެ މުބާރާތުން ވިދާލާ ކުޅުންތެރިންނަށް ކުރިއަށް އޮތް ސީނިއާ ކްލަބު މުބާރާތްތަކުން ޖާގަ ލިބިގެން ދިޔުމަށް މަގުފަހި ކޮށްދިނުން ކަމަށެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރާނެ ޓީމުތަކަކީ ނިއު ރޭޑިއަންޓް، މާޒިޔާ، ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް)، ށ. ފޯކައިދޫ، ވިކްޓަރީ އަދި ބ.އޭދަފުށީ ޓީމެވެ.

މިއަހަރުގެ މުބާރާތުން ޓީމުތަކަށް ވަރުގަދައަށް ތައްޔާރުވަމުންދާ އިރު، މިހާރު ވަނީ ކޯޗުންނާއެކު ތަމްރީނުތައް ފަށާފައެވެ. ޓީމުތަކުން ކުޅުންތެރިން ހޯދުމަށް ޓްރައިލްތައް ބާއްވާފައިވާ އިރު، ޓީމުތަކުން ވަނީ އަތޮޅު ތެރޭގައި ރަށްރަށުންވެސް ކުޅުންތެރިން ގެންގޮސްފައެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ރޭވިފައި އޮތީ ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ. އެގޮތުން އެއް ގްރޫޕެއްގައި ފަސް ޓީމު އަނެއް ގްރޫޕުގައި ހަތަރު ޓީމެއް ވާދަކުރާއިރު، ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުން ދެ ޓީމެއް ހޮވޭނެ އެވެ. މުބާރާތް ފަށަން ތާވަލްކޮށްފައިވަނީ އަންނަ މަހު ފުރަތަމަ ހަފްތާ ތެރޭގައެވެ. އެފްއޭއެމް މީގެ ކުރިން ބުނީ މުބާރާތް ފަށާނީ އަންނަ މަހު ތިން ވަނަ ދުވަހު ކަމަށެވެ.

މީގެ ކުރިންވެސް 2011 ވަނަ އަހަރު 21 އަހަރުން ދަށަށް ހާއްސަކޮށްގެން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. އަލުން 2016 ވަނަ އަހަރު މި މުބާރާތް ފެށިއިރު، އަނެއްކާވެސް އާ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މުބާރާތް ވަނީ 19 އަހަރުން ދަށަށް ބަދަލުކޮށްގެންނެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކްލަބު ގްރީން ސްޓްރީޓްސްއެވެ.

 

ކިޔުންތެރިންގެ ހިޔާލު