ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓް، ދުވުން ހުއްޓާލުމަށްފަހު ފުޓުބޯޅަ ކުޅެން ބޭނުންވެ، އެކަމަށް މަސައްކަތް ކުރި ނަމަވެސް، ނާކާމިޔާބީއާއެކު ރިޓަޔާކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ބޯލްޓް، އޮލިމްޕިކްގައި އެތައް މެޑަލްއެއް ހޯދުމަށްފަހު ފުޓުބޯޅައަށް މިސްރާބު ޖެހީ މިިދިޔަ އަހަރު ތެރޭގައެވެ. އޮސްޓްރޭލިއާގެ ސެންޓްރަލް ކޯސްޓް މެރީނާސްއާއެކު މީގެ ދެމަސްކުރިން ބޯލްޓް ފަރިތަކުރި ނަމަވެސް، އެ ކްލަބުން އޭނާ ދޫކޮށްލީ ބޯލްޓްގެ ސޮއި ހޯދުމަށް ފައިސާގެ ތަނަވަސްކަން ނެތުމުންނެވެ.

ފުޓުބޯޅަ ކެރިއަރު ކުރު މުއްދަތެއްކެ ތެރޭގައި ނިންމާލަން ޖެހުމާ ގުޅިގެން ދުނިޔޭގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ރެކޯޑު އޮންނަ ބޯލްޓް ބުނީ ފުޓުބޯޅައިގައި ހޭދަކުރި މަދު ދުވަސްތަކަކީ އޭނާއަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ.

ބޯލްޓް ބުނީ އޭނާއަށް ފުޓުބޯޅަ ކެރިއަރުގެ ތެރެެއަށް ވަދެވުނީ އެންމެ ރަނގަޅު ގޮތަކަށް ނޫން ކަމަށާއި، އޭނާ ކާމިޔާބު ނުވީ އެހެންވެ ކަމަށެވެ. ބޯލްޓް ބުނީ ޓީމެއްގެ ތެރޭގައި މަސައްކަތް ކޮށްލުމަކީ އޭނާއަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ފުޓުބޯޅައަކީ އޭނާ އަބަދުވެސް ލޯބި ދޭނެ ކުޅިވަރެއް ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހު މެރީނާސްއާއެކު ބޯލްޓް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އޭނާ ވަނީ ދެ ގޯލްވެސް ޖަހާފައެވެ. ހާއްސަކޮށް އެ ގޯލަށްފަހު އޭނާ އުފަފާޅުކުރީ އޭނާގެ ޓްރޭޑްމާކު ލައިޓަނިން ބޯލްޓް ސެލެބްރޭޝަންގައެވެ.

މީގެ ދެ އަހަރު ކުރިން އެތުލެޓިކްސްއިން ރިޓަޔާވި ބޯލްޓް ބުނެފައި ވަނީ އޭނާގެ ވިސްނުން މިހާރު ހުރީ އިޝްތިހާރާ، ވިޔަފާރިއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު