ސަރުކާރު ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް ދެމުން އަންނަ ފައިސާ މިއަހަރު ސަރުކާރު ކުންފުނިތަކުން ދީފި ނަމަ 2020 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ފަރާތުން މިފައިސާ ކްބަލްތަކަށް ދެވޭނެ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

އެފްއޭއެމް އިން މިހެން ބުނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިމަހުގެ 09 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އާއި އެކު ބޭއްވެވި ބައްދަލުވުމުގެ މައުލޫމާތު އާއްމު ކުރުމަށް ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި އެފްއޭއެމް އިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ފައިސާ ދޭނީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި އެފްއޭއެމް އިން ކަމަށެވެ.

"ޓީމްތަކަށް ދިމާވެފައިވާ މާލީ ހާލަތު ހަރުދަނާ ކޮށް އަދި ދެޖިންސްގެ ޒުވާން ކުޅުންތެރިން ތަކެއް ބިނާކުރުމަށާއި ކްލަބްތައް އިދާރީ އަދި ފަންނީ ހިންގުންތެރިކަން ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ކްބަލްތަކަށް ދެމުންދާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ސީދާ އެފްއޭއެމްގެ ފަރާތުންނެވެ." ބަޔާނުގައި ވެއެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނީ ކްލަބްތަކަށް ސަރުކާރު ކުންފުނިތަކުން ދެމުންދާ ފައިސާ އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރު ވެސް ދިނުމަށްޓަކައި ކުންފުނިތަކާއި އެކު މަޝްވަރާ ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ޞާލިހް ދެއްވާފައިވާ ކަމަށެވެ

އެސްއޯއީ އެއްބަސްވުން ހަދާ ކުންފުނިތަކާ 2017 ވަނަ އަހަރު ކްލަބްތައް ގުޅާލީ ދެ އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް ކްލަބްތަކަށް ވަނީ ފައިސާ ދީފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ފުޓްބޯޅަ އަށް ކުރި ހަރަދުތައް 60 މިލިއަން ރުފިޔާއާ ގާތްކުރެއެވެ.

މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދިނެވެ. ފުރަތަަމަ ޑިވިޝަންގެ ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ހޮވޭ ހަތަރު ޓީމަކަށް އިތުރު އެއް މިލިއަން ރުފިޔާ ދިނެވެ. މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް ހުރިހާ ހަރަދެއް ކުރުމަށް ކޮންމެ ޓީމަކަށް 1.5 މިލިއަން ރުފިޔާ ދިނެވެ. މިއީ ހަތަރު ޓީމަށް ބަލާ ކަމަށްވާނަމަ ހަ މިލިއަން ރުފިޔާ އެވެ.

މިދިޔަ ދެއަހަރު ކްލަބްތަކަށް ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ދިން ނަމަވެސް ގިނަ ކްލަބްތައް އޮތީ މާލީ މައްސަލަތައް ދިމާވެ ބަނގުރޫޓްވާ ހިސާބުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލު

    ދައުލަތުން 60 މިލިއަން ދިނީމަ މާލޭގެ ގޯޅިގޯޅީ ދެތިންކުލަބަށާއި މާލޭ ދަނޑަށް ހަރަދުކުރަނީ. އެހެން ރަށަކަށް ވީކަމެއްނެތް.