ފްރާންސްގެ ޕީއެސްޖީން ރޭ ކުޅުނު ކަޕް މެޗުގައި ޓީމުގެ ބްރެޒިލް ތަރި، ނޭމާއަށް އަނިޔާވެއްޖެއެވެ.

މިދިޔަ ސީޒަންގެ ފަހު ބައިގައިވެސް އަނިޔާގައި ހޭދަކުރި ނޭމާ، ކިރިޔާ ވޯލްޑް ކަޕަށް ކުޅެވޭވަރުވީއެވެ. އެފަހަރުވެސް އޭނާގެ ފައިގެ ކުޑަ ހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ އިރު، ރޭގެ މެޗުގައިވެސް ތަދުވެފައި ވަނީ އޭނާގެ ފައިގެ ކުޑަހުޅަށެވެ.

ރޭގެ މެޗުގެ 60 ވަނަ މިނެޓުގައި ނޭމާ ދަނޑުމަތިން ފޭބީ ކުޑަހުޅަށް ލިބުނު އަނިޔާގެ ތަދަށް ކެތް ނުކުރެވިގެންނެވެ. އޭނާގެ މޫނުމަތިން ފެނުނު މަންޒަރުން އަނިޔާ ސީރިއަސް ކަމަށް ބެލެވެއެވެ. ނޭމާ ދަނޑު މަތިން ފޭބީ ކަރުނަ ފޮހެމުންނެވެ.

ރޭގެ މެޗުގައި ނޭމާއަށް އަނިޔާވީ ކިހާ ހިސާބަކުން ކަމެއް ޔަގީންކޮށް ބުނަން ނޭނގެއެވެ. މެޗުގެ ކުރީކޮޅުގައި ސްޓްރެސްބޯގެ މިޑްފީލަރު އެންތޮނީ ޖެހި ވަރުގަދަ ޓެކުލްވެސް ޖެހިފައި ވަނީ ސީދާ ނޭމާގެ ފައިގައެވެ.

ރޭގެ މެޗު ޕީއެސްޖީން 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު، ކަވާނީއާއި ޑިމަރިއާވެސް ވަނީ ގޯލް ޖާހާފައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީން މެންޗެސްޓާ ޔުނައިޓެޑަށް ނުކުންނާނީ އަންނަ މަހު ތެރޭގައެވެ. އެ މެޗަށް ތިން ހަފްތާއަށް ކުޑަތަން ވެފައިވާ އިރު، ނޭމާ ފިޓްވާނެ ކަމަށް ނުބެލެވެއެވެ.