އިންގްލިޝް ޗެނަލްގެ ތެރެއިން ގެއްލުނު މަލިބޫ އެއާކްރާފްޓުގައި ދަތުރުކޮށްފައިވާ ކާޑިފްގެ ފޯވަޑް، އެމިލިއާނޯ ސަލާ ގެއްލިގެން ހޯދާތާ މިއަދަށް ތިންވަނަ ދުވަހެވެ.

އިއްޔެގެ ވަގުތެއްގައި އެމިލިއާނޯ ހޯދުމުގެ މަސައްކަތްތައް އިދާރާތަކުން މެދުކަނޑާލި ނަމަވެސް، މިއަދު އަނެއްކާވެސް ވަނީ ފަށާފައެވެ. ކާޑިފްގެ ފޯވާޑާއެކު ސިންގަލް އިންޖީން ފްލައިޓްގައި ދަތުރުކުރީ އެ ފްލައިޓްގެ ޕައިލެޓް ޑޭވިޑް އިބަޓްސަންއެވެ.

އާޖެންޓީނާއަށް އުފަން އެމިލިއާނޯ ކާޑިފްއަށް ސޮއިކުރީ އޭނާގެ ހުވަފެނީ ފެނިލުމަކުން އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗު ކުޅެލުމަށެވެ. އުމުރުން 28 އަހަރުގެ ފޯވަޑް، ކްލަބު ރެކޯޑު 15 މިލިއަން ޕައުންޑްގެ އަގެއްގައި ކާޑިފްއަށް ސޮއިކުރީ އެތައް ކްލަބަކުން އޭނާ ހޯދަން މަސައްކަތްވެސް ކުރަމުން ދަނިކޮށެވެ.

އިދާރާތަކުން އިއްޔެ ބުނެފައި ވަނީ އެމިލިއާނޯ ދިރިހުއްޓާ ފެނުމުގެ ފުރުސަތު ދަނީ ހަނިވަމުން ކަމަށާއި، މިއަދު ހޯދަމުން ދަނީ ފްލައިޓް ވެއްޓުނު ހިސާބުގެ ކޯސްޓްތައް ބެލުމުގެ މަސައްކަތް ކަމަށެވެ.

ގުއާނާސޭ ފުލުހުން ބުނެފައި ވަނީ މިއަދުގެ ހޯދުންތަކަށް ބޭނުން ކުރާނީ ފްލައިޓްތައް ކަމަށާއި، މިއަދުގެ ހޯދުމަށްފަހު ވަކި އެއްޗެއް ބުނާނެ ކަމަށެވެ.

އެމިލިއާނޯ ފްރާންސްގެ ނާންޓޭސްއަށް ކުޅުމަށްފަހު ކާޑިފްއަށް ސޮއިކުރިކަން އިއުލާން ކުރީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭނާގެ ފްލައިޓް ގެއްލިގެން ހޯދަމުންދާ އިރު، އޭނާ ފްލައިޓްގައި ދަތުރު ކުރީ ނާންޓޭސްއިން އެނބުރި ކާޑިފްއަށެވެ. ކުރީގެ ކުޅުންތެރިންނާއެކު ފަހު ފޮޓޯ ނަގާލުމަށްފަހު ކެރިއަރުގެ އާ ޗެޕްޓަރައިގެން ކުރިއަށްދާށެވެ.

ކާޑިފްއަށް ސޮއިކުރެވުމާއެކު އެމިލިއާނޯ އުފާވެފައިހުރި ވަރު، އޭނާގެ އެންމެ ފަހު މެސެޖުންވެސް އެނގެއެވެ. ފްލައިޓް ތެރޭގައި އިނދެ، އޭނާގެ އެކުވެރިންނަށް ވަޓްސްއެޕުން ކޮށްފައިވާ މެސެޖުން އޭނާއަށް ދިމާވި ބިރުވެރި ހާދިސާ ރަނގަޅަށް ސިފަވެއެވެ.

"އަހަރެންގެ ލޯބިވާ ހުރިހާ ބޭބެއިންނޭ... އަހަރެން މިހުރީ ވަރަށް ވަރުބަލިވެފައި. ނާންޓޭސްއަށް ގޮސް އެތައް ކަމެއް ނިންމަން ޖެހުނު. އެތައް އެތައް ކަމެއް. ކަންކަން... ބައިވަރު ކަންކަން.... މިކަންތައް ނުހުއްޓޭ. އަދިވެސް ނުހުއްޓޭ...،" ހާސްވެ ކަންބޮޑުވެފައިވާ އެމިލިއާނޯގެ ފުރަތަމަ މެސެޖުގައި ބުނެފައިވެއެވެ.

ފްލައިޓް ވެއްޓެމުންދާ ވާހަކަ އޭނާ ދައްކާފައި ވަނީ ދެވަނަ ރެކޯޑިންއެއްގައެވެ.

"އަހަރެން މިއިން ފްލައިޓް ދަނީ ވެއްޓެމުން. އަހަރެން މިދަނީ ކާޑިފްއަށް. މޮޔަވެއްޖެ މުޅިން. އަހަރެން މާދަމާ ގޮސްފަ އާ ޓީމާއެކު ޕްރެކްޓިސް ކުރާނަން،" އެކުވެރިންނަށް ނިސްބަތްކޮށް އޭނާ ބުނެފައިވެއެވެ.

ފަހު މެސެޖެއްގެ ގޮތުން އެމިލިއާނޯ ދީފައިވާ މެސެޖުގައި ވަނީ "ހުރިހާ އެންމެންގެވެސް ހާލު ކިހިނެތް، ރަނގަޅު ދޯ؟،އަހަންނާ ގުޅިގެން އެއްވެސް ހަބަރެއް ކުރިއަށް އޮތް ގަޑިއިރެއް، ނޫނީ ބައިގަޑިއިރެއްގެ ތެރޭގައި ނުލިބިއްޖެ ނަމަ ބަޔަކު ހޯދަން ފޮނުވަން ޖެހޭނެ ކަންނޭނގެ. އަހަރެން މިހުރީ ވަރަށް ބިރުން،" މިހެންނެވެ.

ކިޔުންތެރިންގެ ހިޔާލު