ފްރާންސްގެ އެސްސީ ނާންޓޭސްއިން އިނގިރޭސި ލީގުގެ ކާޑިފްއަށް އަލަށް ސޮއިކުރި އެމިލިއާނޯ ސަލާ ދަތުރުކުރި އެއް އިންޖީނުލީ ފްލައިޓް ގެއްލިގެން އުޅެނިކޮށް، ޕްރައިވެޓް ޖެޓްގައި އިނދެ ކްރިސްޓިއާނޯ ރޮނާލްޑޯ އަޕްލޯޑު ކުރި ފޮޓޯއާއެކު މީސް މީޑިއާގައި އޭނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ފްރާންސުން ކާޑިފަށް ދަތުރުކުރި އެމިލިއާނޯ ސަލާ އާދައިގެ ފްލައިޓެއްގައި ދަތުރު ކޮށްފައިވާ އިރު، އޭނާގެ ފްލައިޓް ގެއްލިފައި ވަނީ އިންގްލިޝް ޗެނަލްގެ ތެރެއަށެވެ. ރާޑަރުން ފްލައިޓް ގެއްލިގެން ހޯދަމުން ދަނިކޮށް، މާ ގިނައިރެއް ނުވެ ރޮނާލްޑޯ ލާފައިވާ ފޮޓޯގައި ފެންނަނީ އޭނާގެ ޕްރައިވެޓް ލަގްޒަރީ ޖެޓެވެ.

ރޮނާލްޑޯ ފޮޓޯ އަޕްލޯޑު ކުރުމާއެކު، ގިނަ ބަޔަކަށް ހީވީ އެމިލިއާނޯ އާދައިގެ ފްލައިޓެއްގައި ދަތުރުކުރި ކުރުމަށް ރޮނާލްޑޯ އެކަމަށް ޖޯކު ޖެހީ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ފޮޓޯ އަޕްލޯޑު ކުރި ކަމަށް ބެލެވެނީ އެކަން ނޭނގިއެވެ.

ރޮނާލްޑޯގެ ޓްވިޓާއަށް ފޮޓޯ ލާފައިވާ އިރު، އެ ޓްވީޓްގެ ރީޓްވީޓްތަކުގައި ރޮނާލްޑޯގެ ބޮޑާ ކަމަށް ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ކުޅެ، އިނގިރޭސި ފުޓުބޯޅައިގެ ތަޖުރިބާ ބޮޑު އެކްސްޕާޓް، ގެރީ ލިނެކާވެސް ވަނީ ރޮނާލްޑޯ ޖެޓް ތެރޭގައި އިން ފޮޓޯ ރީޓްވީޓް ކޮށް، އެ ފޮޓޯ ލާފައި ވަނީ "އެންމެ ރަނގަޅު ވަގުތު"ގައި ނޫން ކަމަށް ބުނެފައެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ އެމިލިއާނޯ ސަލާ ގެއްލިގެން ހޯދާތާ މިއަދަށް ތިންވަނަ ދުވަހެވެ. އޭނާ ގެއްލުމާއެކު މުޅި ފުޓުބޯޅަ އާއިލާއިންވެސް ހިތާމަ ފާޅުކުރަމުންދާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އިދާރާތަކުން ބުނެފައި ވަނީ ކާޑިފްގެ ފޯވަޑް ދިރިހުއްޓާ ފެނުމުގެ އުންމީދު ކުޑަ ކަމަށެވެ.

އާޖެންޓީނާއަށް އުފަން އެމިލިއާނޯ ކާޑިފްއަށް ސޮއިކުރީ އޭނާގެ ހުވަފެނީ ފެނިލުމަކުން އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗު ކުޅެލުމަށެވެ. އުމުރުން 28 އަހަރުގެ ފޯވަޑް، ކްލަބު ރެކޯޑު 15 މިލިއަން ޕައުންޑްގެ އަގެއްގައި ކާޑިފްއަށް ސޮއިކުރީ އެތައް ކްލަބަކުން އޭނާ ހޯދަން މަސައްކަތްވެސް ކުރަމުން ދަނިކޮށެވެ.