ފްރާންސް ލީގުގެ މޮނާކޯގެ ކޯޗު ކަމުގައި ހުރި ލެޖެންޑްރީ ފުޓުބޯޅަ ކުޅުންތެރިޔާ، ތިއަރީ އޮންރީ، އެ ކްލަބުގެ ކޯޗުކަމުގެ މަގާމުން ވަކިކޮށްފިއެވެ.

އޮންރީ މޮނާކޯގެ ކޯޗު ކަމާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭގެ ކުރިން އޭނާ ވަނީ ވޯލްޑް ކަޕްގައި ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައެވެ.

އޮންރީ ކްލަބާ ހަވާލުވެ އޭނާއަށް އެންމެ އެކަށޭނެ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. މީގެ ދެ އަހަރުކުރިން މޮނަކޯއިން ލީގު ނެގި ނަމަވެސް، މި ސީޒަންގައި އެ ކްލަބު އޮތީ ރެލިގޭޝަން ޒޯން ގައެވެ. 2017 ވަނަ އަހަރު އެ ޓީމުން ލީގު ނެގި ނަމަވެސ،ް އެޓީމުގައި މޮޅަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިހާރު ވަނީ ކްލަބު ދޫކޮށް ގޮސްފައެވެ.

މޮނާކޯއިން އޮންރީ ފޮނުވާލަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ފެތުރިފައިވާ އިރު، އޭގެ ކުރިން ކްލަބުން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ. އޮންރީ ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ ހަފްތާގައި މޮނާކޯއިން ސްޓްރޮސްބާގާ ދެކޮޅަށް ކުޅުނު މެޗުގައި ސްޓްރޮސްބާގުގެ ކުޅުންތެރިޔަކާ ދިމަލަށް އައުގުރާނަ ގޮވުމުގެ ސަބަބުންނެވެ.

އޮންރީއަކީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާ، ގައުމީ ޓީމާއެކު ވޯލްޑް ކަޕްވެސް ހޯދާފައެވެ. މެނޭޖަރު ކަމުގެ ކެރިއަރުގައި މޮނާކޯއަކީ އޮންރީގެ ފުރަތަމަ ކްލަބެވެ.

މޮނާކޯގެ ކޯޗު ކަމުން އޮންރީ ވަކިކޮށްފައިވާ އިރު، އޭނާ ވަނީ އެސްޓޮން ވިލާގެ ކޯޗުކަމުގެ މަގާމަށް ޝޯޓްލިޓް ކުރެވިފައެވެ.