ލީގު ކަޕް ސެމީ ފައިނަލް ދެވަނަ ލެގުގައި، ޕެނެލްޓީ ޖަހައިގެން ޓޮޓެންހަމް ހޮޓްސަޕާސް ބަލިކޮށް، ޗެލްސީން ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމު އޮތީ އެއްވަރުވެފައެވެ. ވެމްބްލީގައި އެ ދެޓީމު ކުޅުނު ފުރަތަމަ ސެމީގެ މެޗުގައި ޓޮޓެންހަމްއިން ޗެލްސީ ބަލިކުރި ނަމަވެސް، ރޭގެ މެޗުން ޗެލްސީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތް އިރު، ޗެލްސީން ފަހަތުގައި އޮތް ނަމަވެސް، މެޗުގެ ކުރީކޮޅުގައި އެޓީމުން ވަނީ އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައެވެ. 27 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން މެޗުގެ ލީޑު ނަގައިދިނީ އެންގޯލޯ ކަންޓޭއެވެ. ހަޒާޑްގެ ކާނަރު އޭރިއާ ބޭރުން އޭނާ ފޮނުވާލި އިރު، ގޯލް ބޯޅައަށް ވަނީ ސްޕާސްގެ ތިން ކުޅުންތެރިންގެ ދެފައި ދެގޯޅި ދޭތެރެއިން ގޮހެވެ.

ޓޮޓެންހަމްގެ ފޯވަޑް ލައިނުން ކޭންއާއި ޑެލީ އަލީއަށްވެސް އަނިޔާވެފައިވާ އިރު، ދެކުނު ކޮރެއާގެ ސޮން ހުރީ ގައުމީ ޓީމާއެކު އޭޝިއަން ކަޕްގައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީން ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އަޒްޕިލިކުއެޓާގެ ހުރަހަކަށް ބޯޅަ ގޯލަށް ވައްދީލީ އެޑެން ހަޒާޑެވެ.

ދެ ގޯލްގެ ލީޑަކާއެކު އެގްރިގޭޓް 2-1ގެ ނަތީޖާއަކުން ޗެލްސީ ހަމަޖެހިލި ނަމަވެސް، އެޓީމު މާޔޫސް ކޮށްލީ ދެވަނަ ހާފްގައި ޓޮޓެންހަމް ފޯވަޑް ލޮރެންޓޭގެ ގޯލުންނެވެ. ރޭގެ މެޗު ޕެނެލްޓީއަށް ގޮސްފައިވާ އިރު، މެޗު ބެލުމަށް ޗެލްސީގެ ބެންޗު ކައިރީގައި ޓީމާ އަލަށް ގުޅުނު ފޯވަޑް ގޮންޒާލޮ ހުގުއައިން އިންކަން ފާހަގަކޮށްލެވެއެވެ.

ޕެނެލްޓީގައި ޗެލްސީން ހުރިހާ ޕެނެލްޓީއެއް ވެއްދި އިރު، ގޯލްކީޕަރު ކެޕާ ވަނީ ދެ ޕެނެލްޓީ މަތަކޮށްފައެވެ. އަންނަ މަގު 24 ވަނަ ދުވަހު ވެމްބްލީގައި އޮންނަ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ނުކުންނާނީ މެންޗެސްޓާ ސިޓީއެވެ.