ރާއްޖޭގެ ކްލަބުތަކަށް އޭއެފްސީ ލައިސަންސް ނުލިބި، އަންނަ ސީޒަންގެ އޭއެފްސީ ކަޕްގައި ވާދަނުކުރެވުމަށް ދިމާވި ކަންތައްތަކުގެ މައްސަލަ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެކުލަވާލި "ފެކްޓް ފައިންޑިން ކޮމިޓީ"ގެ މައްސަލައާ ގުޅިގެން އެފްއޭއެމްއާއި ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ ކޯޅުންތަކެއް އުފެދިފައެވެ.

އޭއެފްސީންވެސް ރާއްޖޭގެ އެފްއޭގެ ކަންކަމަށް ތިންވަނަ ފަރާތަކުން ނުވަންނަން ގޮވާލި އިރު، އެކަންކަން ހައްލު ކުރުމަށް ޔޫތު މިނިސްޓަރު މަހުލޫފު ވަނީ އޭއެފްސީގެ ރައީސާ ހާއްސަ ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ.

ބައްދަލުވުންތަކަށްފަހުވެސް އެފްއޭއެމްއާއި ޔޫތު މިނިސްޓްރީގެ މައްސަލައަށް ހައްލެއް ލިބިފައެއް ނުވެއެވެ. އެފްއޭއެމް އެވޯޑު ހަފްލާގައި، މަހުލޫފުވެސް އިންނަވަނިކޮށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ޔޫތު މިނިސްޓްރީއަށް ބޮޑެތި ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ ބައެއް ކްލަބުތަކުންވެސް ވަނީ މައްސަލައިގައި ބައްސާމްއާ އެއްކޮޅަށް ވާހަކަ ދައްކާފައެވެ.

ކްލަބުތަކުން ބުނެފައި ވަނީ އޭއެފްސީ ކްލަބު ލައިސަންސިން މައްސަލައިގައި އުފެއްދި ކޮމިޓީއަކުން، އެފްއޭއެމްގެ މާލީ ކަންކަން ބަލަން މަސައްކަތް ކުރުމުން ސުވާލު އުފެދޭ ކަމަށެވެ. އެކަންކަމާ ގުޅިގެން އެފްއޭއެމްއިން ވަނީ އެ އިދާރާގެ އަގު ވެއްޓޭނެ ގޮތަށް، އެކިއެކި ގޮތްގޮތަށް ވާހަކަ ނުދެއްކެވުމަށް މަހުލޫފު ކައިރިން އެދި ބަޔާނެއްވެސް ނެރެފައެވެ.

މައްސަލަތައް ގޯހުން ގޯހަށް ގޮސްފައި ވަނިކޮށް، މިއަދު އެފްއޭއެމްގެ ރަސްމީ ޓްވިޓާ ހޭންޑަލްގައި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ނަންފުޅު ނަހަމަގޮތުގައި ބޭނުންކޮށް، އަދި ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެ ކަމުގެ ބިރު ޔޫތު މިނިސްޓަރު މަހުލޫފު ކްލަބުތަކަށް ދައްކަމުންދާ ކަމަށެވެ.

އެކަމުގައި މަހުލޫފު ކްލަބުތަކަށް ބިރު ދައްކަމުން ދަނީ އެފްއޭއެމްގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރަން ކަމަށާއި، އެކަމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

އެފްއޭއެމްއިން އެގޮތަށް ހާމަކޮށްފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިމަހުގެ 09 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާ ވަނީ ބައްދަލުކޮށްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ފައިސާ ދޭނީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި އެފްއޭއެމްއިން ކަމަށެވެ.

"ޓީމްތަކަށް ދިމާވެފައިވާ މާލީ ހާލަތު ހަރުދަނާ ކޮށް އަދި ދެޖިންސްގެ ޒުވާން ކުޅުންތެރިން ތަކެއް ބިނާކުރުމަށާއި ކްލަބްތައް އިދާރީ އަދި ފަންނީ ހިންގުންތެރިކަން ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ކްބަލްތަކަށް ދެމުންދާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި ސީދާ އެފްއޭއެމްގެ ފަރާތުންނެވެ." ބަޔާނުގައި ވެއެވެ.

އެފްއޭއެމްގެ ބަޔާނުގައި ބުނީ ކްލަބްތަކަށް ސަރުކާރު ކުންފުނިތަކުން ދެމުންދާ ފައިސާ އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރު ވެސް ދިނުމަށްޓަކައި ކުންފުނިތަކާއި އެކު މަޝްވަރާ ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ރައީސް ޞާލިހް ދެއްވާފައިވާ ކަމަށެވެ.

އެފްއޭއެމްއިން މިއަދު ކުރި ޓްވީޓު ޓެގްކޮށްފައި ވަނީ ޔޫތު މިނިސްޓަރު މަހުލޫފު އަދި ރައީސް ސޯލިހަށެވެ.