ކާޑިފްގެ ފޯވަޑް، އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު މަތިންދާބޯޓު ދުއްވަން އިން ޕައިލެޓަކީ، ފަސިންޖަރުން ގޮވައިގެން ދަތުރުކުރުމުގެ ހުއްދަ އޮންނަ ޕައިލެޓެއް ނޫންކަން ހާމަވެއްޖެއެވެ.

"ފޮކްސް ސްޕޯޓްސް" އިން ބުނެފައިވާ ގޮތުގައި ސަލާ ދަތުރުކުރި ފްލައިޓު ދުއްވި ޕައިލެޓުގެ ނަމަކީ ޑޭވިޑް އިބޮޓްސަން އެވެ.

ޑޭވިޑުގެ އަތުގައި އޮންނަ ޕައިލެޓް ލައިސަންސް އަކީ ޕްރައިވެޓް ޕައިލެޓް ލައިސަންސް އެއްކަމަށްވާއިރު، ފަސިންޖަރުން އުފުލާ މަތިންދާބޯޓުތައް ދުއްވާ ޕައިލެޓުންގެ އަތުގައި ކޮމާޝަލް ޕައިލެޓް ލައިސަންސް އޮންނަން ޖެހޭނެއެވެ. ކޮމާޝަލް ޕައިލެޓެއްގެ ލައިސަންސް ލިބޭނީ ޕްރައިވެޓް ޕައިލެޓަކަށްވުމަށް ހަދަން ޖެހޭ ތަމްރީނަށްވުރެ އިތުރު އެތައް ތަމްރީނެއް ހެދުމުންނެވެ.

ސަލާ ދަތުރުކުރި ފްލައިޓު ގެއްލުމާ ގުޅިގެން، ދުނިޔޭގެ ފުޓުބޯޅަަށް ލޯބި ކުރާ އެތައް ބަޔަކު ހިތާމައިގައި ތިބިއިރު، ސަލާ ހޯދުމުގެ މަސައްކަތް، ކަމާ ބެހޭ ފަރާތްތަކުންވެސް ވަނީ ހުއްޓާލާފައެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަލާ އާއި ޕައިލެޓް ހޯދުމުގެ މަސައްކަތް ހުއްޓާލީ އެމީހުން ފެނުމުގެ އެއްވެސް އުންމީދެއް ނެތުމުންނެވެ.

ހޯމަ ދުވަހު ރާޑަރުން ގެއްލުނު ފްލައިޓް ހޯދުމުގައި މެދު ކެނޑުމެއްނެތި 80 ގަޑި އިރު، ތިން ފްލައިޓާއި، ފަސް ހެލިކޮޕްޓަރު ބޭނުން ކޮށްފައިވެއެވެ. އޭގެ އިތުރުން ކަނޑުމަތީގެ ދެ ލައިފް ބޯޓުވެސް ހަރަކާތްތެރިވެފައިވެއެވެ.

އާޖެންޓީނާއަށް އުފަން އެމިލިއާނޯ ކާޑިފްއަށް ސޮއިކުރީ އޭނާގެ ހުވަފެނީ ފެނިލުމަކުން އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗު ކުޅެލުމަށެވެ. އުމުރުން 28 އަހަރުގެ ފޯވަޑް، ކްލަބު ރެކޯޑު 15 މިލިއަން ޕައުންޑްގެ އަގެއްގައި ކާޑިފްއަށް ސޮއިކުރީ އެތައް ކްލަބަކުން އޭނާ ހޯދަން މަސައްކަތްވެސް ކުރަމުން ދަނިކޮށެވެ.

އެމިލިއާނޯ ފްރާންސްގެ ނާންޓޭސްއަށް ކުޅުމަށްފަހު ކާޑިފްއަށް ސޮއިކުރިކަން އިއުލާން ކުރީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭނާގެ ފްލައިޓް ގެއްލިގެން ހޯދަމުންދާ އިރު، އޭނާ ފްލައިޓްގައި ދަތުރު ކުރީ ނާންޓޭސްއިން އެނބުރި ކާޑިފްއަށެވެ. ކުރީގެ ކުޅުންތެރިންނާއެކު ފަހު ފޮޓޯ ނަގާލުމަށްފަހު ކެރިއަރުގެ އާ ޗެޕްޓަރައިގެން ކުރިއަށްދާށެވެ.

ފްލައިޓް ވެއްޓެމުންދިޔަ އިރު، އެމިލިއާނޯ ވަނީ އޭނާގެ ރަށްޓެހިންނަށް ވަޓްސްއެޕްއިން ތިން އޯޑިއޯ މެސެޖެއްވެސް ފޮނުވާފައެވެ.

ފަހު މެސެޖެއްގެ ގޮތުން އެމިލިއާނޯ ދީފައިވާ މެސެޖުގައި ވަނީ "ހުރިހާ އެންމެންގެވެސް ހާލު ކިހިނެތް، ރަނގަޅު ދޯ؟،އަހަންނާ ގުޅިގެން އެއްވެސް ހަބަރެއް ކުރިއަށް އޮތް ގަޑިއިރެއް، ނޫނީ ބައިގަޑިއިރެއްގެ ތެރޭގައި ނުލިބިއްޖެ ނަމަ ބަޔަކު ހޯދަން ފޮނުވަން ޖެހޭނެ ކަންނޭނގެ. އަހަރެން މިހުރީ ވަރަށް ބިރުން،" މިހެންނެވެ.

ކިޔުންތެރިންގެ ހިޔާލު