އިންގްލިޝް ޗެނަލްގެ ތެރެއިން ގެއްލުނު މަލިބޫ އެއާކްރާފްޓުގައި ދަތުރުކޮށްފައިވާ ކާޑިފްގެ ފޯވަޑް، އެމިލިއާނޯ ސަލާ ގެއްލިގެން ހޯދާތާ ދެ ދުވަސް ފަހުން، ހޯދުމުގެ މަސައްކަތް، ފްލައިޓް ގެއްލުނު ސަރަހައްދު ކަމަށްވާ ގުއެނާސީ ސްޓޭޓް ޕޮލިހުން ވަނީ ހުއްޓާލާފައެވެ.

ގުއެނާސީ ސްޓޭޓް ޕޮލިހުގެ ހާބާ މާސްޓާ ކެޕްޓަން ޑޭވިޑް ބާކާ މީގެ ދެ ދުވަސް ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓް ގެއްލުނު ވަގުތުން ފެށިގެން، އެ އިދާރާގެ ފްލައިޓްތަކާއި ސިފައިން ކުރަމުންދިޔަ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތުގައި އިނގިރޭސިވިލާތާއި ފްރާންސްގެ ސަލާމަތީ ކަންކަން ބަލާ ފަރާތްތައް ހަރަކާތްތެރިވެފައިވާ އިރު، ގާތް ގަނޑަކަށް 17،000 ސްކަޔާ މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ސަރަހައްދުތައް އެއް ފަހަރަށްވުރެ ގިނައިން ބަލާފައިވާ ކަމަށާއި، ފޯނުގެ ސިގްނަލް އަދި ސެޓެލައިޓްގެ އެހީގައިވެސް ފްލައިޓް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ރާޑަރުން ގެއްލިފައިވާ ފްލައިޓްގައި ފްރާންސްގެ އެސްސީ ނާންޓޭސްއިން ކާޑިފްއާ ގުޅުނު ފޯވަޑްގެ އިތުރުން ފްލައިޓްގެ ޕައިލެޓް ޑޭވިޑް އިބަޓްސަން ހިމެނެއެވެ.

ހޯމަ ދުވަހު ރާޑަރުން ގެއްލުނު ފްލައިޓް ހޯދުމުގައި މެދު ކެނޑުމެއްނެތި 80 ގަޑި އިރު، ތިން ފްލައިޓާއި، ފަސް ހެލިކޮޕްޓަރު ބޭނުން ކޮށްފައިވެއެވެ. އޭގެ އިތުރުން ކަނޑުމަތީގެ ދެ ލައިފް ބޯޓުވެސް ހަރަކާތްތެރިވެފައިވެއެވެ.

އެމިލިއާނޯ ސަލާގެ ފްލައިޓް ގެއްލުނު ހާދިސާއާ ގުޅިގެން، މުޅި ފުޓުބޯޅަ އާއިލާ ހިތާމަ ފާޅުކުރަމުންދާ އިރު، އާއިލާވެސް ވަނީ ފުން ހިތާމައެއްގައެވެ. އެމިލިއާނޯގެ ބައްޕަ އަދި ދައްތަވެސް ބުނެފައި ވަނީ އެހާ އަވަހަށް ފްލައިޓް ހޯދުން ހުއްޓާލުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އާޖެންޓީނާއަށް އުފަން އެމިލިއާނޯގެ ފްލައިޓް ހޯދުން ހުއްޓާ ނުލުމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ލެޖެންޑް ޑިއޭގޯ މަރަޑޯނާވެސް ގޮވާލާފައިވާ އިރު، އާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ މިއަދުން ފެށިގެން ޕްރައިވެޓް ކުންފުންޏެއްގެ އެހީގައި ފްލައިޓް ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެމިލިއާނޯ ކާޑިފްއަށް ބަދަލުވީ ކްލަބު ރެކޯޑު އަގެއްގައެވެ. ކާޑިފްގެ ސަޕޯޓަރުންގެ އިތުރުން އެސްސީ ނާންޓޭސްގެ ސަޕޯޓަރުންވެސް ގޮވަމުން ދަނީ އެމިލިއަނޯގެ ފްލައިޓަށް އުންމީދު ކަނޑާނުލުމަށެވެ.