ހޯޒޭ މޮރީނިއޯ ފޮނުވާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އަލަށް ހަވާލުވި ވަގުތީ ކޯޗު، އޮލި ގުނަ ސޮލްސްޖާގެ އިރުޝާދުގެ ދަށުން ކުޅުނު އަށްވަނަ މެޗުވެސް ކާމިޔާބުކޮށް، ޔުނައިޓެޑުން އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލްގެ ދަނޑުގައި ޔުނައިޓެޑް ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު އާސެނަލް ވަނީ މުބާރާތުން ކަޓާފައެވެ.

ޔުނައިޓެޑްގެ ކޯޗު ކަމުގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ސޮލްސްޖާ ދަމަހައްޓަމުން އަންނަ އިރު، އޭނާއަކީ ޔުނައިޓެޑްގެ ކޯޗު ކަމުގައި ފުރަތަމަ އަށް މެޗުން މޮޅުވެފައިވާ ފުރަތަމަ ކޯޗެވެ.

ރޭގެ މެޗުގައި ވަރުގަދަކޮށް ފެށީވެސް ޔުނައިޓެޑުންނެވެ. އާސެނަލަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވިގެން އުޅެނިކޮށް، މެޗުގެ 31 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒްއެވެ. ރޮމެލޫ ލުކާކޫގެ ޕާހެއް ފަސޭހަކަމާއެކު ސަންޗޭޒް ނިންމާލި އިރު، ރޭގެ މެޗަކީ އާސެނަލުން ޔުނައިޓެޑަށް އޭނާ ބަދަލުވި ފަހުން ކުޅުނު އެންމެ ތަފާތު މެޗެވެ.

ސަންޗޭޒްގެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް، އަނެއްކާވެސް ޔުނައިޓެޑުން ގޯލް ޖެހިއެވެ. މިފަހަރުވެސް ފުރުސަތު ތަނަވަސްކޮށްދިނީ ލުކާކޫއެވެ. ބޯޅަ ތިރިތިރިން ގޯލަށް ވައްދާލީ، އާސެނަލް ކޮޅަށް ގޯލް ޖެހުމަށް ފަރިތަ ހެސޭ ލިންގާޑެވެ.

ހާފް ނިމުމުގެ ކުރިން އާސެނަލްގެ ގަބޮން ފޯވަޑް، އަބަމަޔާންގް ގޯލެއް ޖެހި ނަމަވެސް، އެޓީމަށް މެޗުގެ ކޮންޓްރޯލް އަތުލެވޭ ގޮތެއް ނުވިއެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ކުޅުނީ ޔުނައިޓެޑުންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލްގެ އާރޮން ރެމްސީގެ ނުރައްކާތެރި ހަމަލާ ސާޖިއޯ ރޮމޭރޯ މަތަކުރި އިރު، އާސެނަލުން ކުރިއަށް ޖެހުމުގެ މަސައްކަތް ފެށި އިރަށް ޔުނައިޓެޑުން ތިންވަނަ ގޯލެއް ޖެހިއެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް، މެޗުގެ 82 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތިންވަނަ ގޯލް ޖަހައިދިން އިރު، ރޭގެ މެޗުގައި އާސެނަލްއަށް އިތުރު މާޔޫސްކަމެއްވެސް ކުރިމަތިވިއެވެ. ޑިފެންޑަރު ސޮކަރޭޓެސްއާއި ކޮޝިއެލްނީއަށްވެސް ރޭގެ މެޗުގައި އަނިޔާވެފައިވާ އިރު، އެ ދެ ޑިފެންޑަރުންނަކީ މިވަގުތު އާސެނަލަށް އެންމެ މުހިއްމު ދެ ޑިފެންޑަރުންނެވެ.