އިންޑިއާގެ ފުޓުބޯޅައަށް ސުނިލް ޗެތުރީ ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެގައުމުގެ ސަރުކާރުންދޭ ހަތަރުވަނައަކަށް އެންމެ ޝަރަފުވެރި އެވޯޑު، "ޕަދުމާ ޝްރީ" އެވޯޑު އަރުވަން ނިންމައިފިއެވެ.

ޕަދުމާ ޝްރީ އެވޯޑަކީ އެ ގައުމުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ދޭ އެވޯޑެކެވެ. މިއަހަރުގެ ޕަދުމާ އެވޯޑު އެގައުމުގެ 112 މީހަކަށް ވަނީ އަރުވާފައެވެ.

ސުނިލް ޗެތުރީއަކީ އެގައުމުގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 107 މެޗު ކުޅެދީ 67 ގޯލް ޖަހައިދީފައެވެ. އޭނާއަކީ މިވަގުތު ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ދެވަނައަކަށް އެންމެ ގިނައިން ގައުމީ ޓީމަށް ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާގެ ކުރީގައި އެ ލިސްޓްގައިވާ ހަމައެކަނި ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޗެތުރީގެ ފަހަތުން ލިސްޓްގެ ތިންވަނަ ލިބެނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށެވެ.

އެވޯޑު ލިބުމާ ގުޅިގެން ސުނިލް ޗެތުރީ ބުނެފައި ވަނީ އެވޯޑަކީ ލިބިގެންދާ ބޮޑު ޝަރަފެއް ކަމަށާއި، އެވޯޑާއެކު ވިސްނުން ހުރީ އެވޯޑު ހައްގުވާ މީހަކަށް ވުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެވޯޑަކީ އިންޑިއާގެ ސަރުކާރުން ފުޓުބޯޅައަށް ދޭ އަހަންމިއްޔަތުކަން ބޮޑުކަން ދައްކުވައިދޭ އެވޯޑެއް ކަމަށްވެސް ސުނިލް ޗެތުރީ ބުންޏެވެ.

ގައުމީ ޓީމުގައި ލާމަސީލު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޗެތުރީ ވަނީ ނިމިދިޔަ އޭޝިއަން ކަޕްގައި އިންޑިއާއަށް މޮޅެއް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ތައިލެންޑް ކޮޅަށް ދެ ގޯލް ޖެހި އިރު، އެ މެޗަކީ 55 އަހަރު ފަހުން އިންޑިއާއިން އޭޝިއަން ކަޕް މެޗަކުން މޮޅުވި ފުރަތަމަ މެޗެވެ.

އިންޑިއާގެ ޕަދްމާ އެވޯޑު މީގެކުރިން ލިބިފައިވާ ސްޕޯޓްސް އެތުލީޓުންނަށް ބަލާ އިރު، ކްރިކެޓް ކުޅުންތެރިޔާ ގައުޓަމް ގަމްބީރު އަދި ރާޒުވާ ކުޅުންތެރިޔާ ހަރީކާ ހިމެނެއެވެ. އޭގެ އިތުރުންވެސް ބާސްކެޓް ކުޅުންތެރިޔާ ޕްރަޝަންތާ ސިންހް އަދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޝަރުތާ ކަމާލް، ކަބައްޑީގައި މަޝްހޫރުވި އަޖޭ ތަކުރު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު