ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީން ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު، ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރަން ނިންމައިފިއެވެ.

އެފްއޭއެމް އިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ވޭތުވެދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ ޖުމުލަ 3.8 މިލިޔަން ރުފިޔާ އަށްވާ މުސާރައާއި އުޖޫރަ އެކުލަބުން ދައްކާފައި ނުވާތީއާއި އެކަމާ ގުޅިގެން ތަފާތު އެކި ފަހަރު މަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޟިރު ކުރެވި މައްސަލަ ހުށަހަޅާފައިވާ ކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދިނުމަށް އެތައް މުހުލަތެއް ދެވިފައިވާކަމަށެވެ.

އެހެންނަމަވެސް، ކުލަބުގެ ބަޖެޓުގައި ފައިސާ ނެތްކަމަށާއި ހުރިހާ ފައިސާއެއް ޚަރަދުކޮށް ހުސްވެފައިވާކަމަށް ބުނެ މިއަދާ ހަމައަށްވެސް ކުޅުންތެރިންނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުލަބުން އަދާކުރަން ޖެހޭ ހައްގުތައް އަދާކުރުމުގައި ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުލަބުން އަމަލު ކޮށްފައިވާކަމަށެވެ.

އެހެންކަމުން، އެކުޅުންތެރިންނަށް ދޭން ޖެހޭ އުޖޫރަ ދީފައި ނުވާތީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ނިއު އިން ހައްލުކޮށް، ދައްކަން ޖެހޭ ފައިސާތައް ހަލާސްކުރުމާ ހަމައަށް އެފްއޭއެމް އާއި އެފްއޭއެމްގެ ގުނަވަންތަކުން ހިންގާ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރެވިފައިވާކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން، މި މައްސަލަ އިތުރަށް ބަލާ ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅެއް އޮތްތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް މައްސަލަ ފޮނުވުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެފްއޭއެމްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ކުޅުންތެރިންނާއި ކުލަބުތަކުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެއިދާރާއިން ވަރަށް އިސްކަން ދޭ ކަމެއްކަމުގައެވެ. އެހެންކަމުން، މިފަދަ ހާލަތްތަކުގައި ބައިނަލްއަޤުވާމީ ގޮތުންނާއި އިދާރާގެ އެތެރޭގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން މައްސަލަތައް ހައްލުކޮށް ފުޓުބޯޅަ ކުރިއަރުވަން އަޅަން ޖެހުނު ފިޔަވަޅުތައް އެޅުމުގައި ސާބިތުވެ ތިބޭނެކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ ސީޒަނުގައި، މުސާރައިގެ މައްސަލައިގައި އަލީ އަޝްފާގު (ދަގަނޑޭ) އާއި އިމްރާން މުޙައްމަދު ވަނީ ކުލަބު ދޫކޮށްލާފައެވެ. އޭގެ އިތުރުން، ނިއު އަށް ކުޅުނު އަފްޣާނު ޑިފެންޑަރު އަމީރީ، މުސާރައިގެ މައްސަލަ ވަނީ ފީފާ އަށް ހުށަހަޅާފައެވެ.

ވަގުތަށް އެނގިފައިވާ ގޮތުން ނިއު އަކީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމެއް ބާއްވަން ތާއީދު ކުރި ފުރަތަމަ ޑިވިޜަނުގެ ޓީމެކެވެ. ދެން އެނގިފައިވާ ގޮތުން އެކަމަށް ތާއީދު ކުރީ ވިކްޓްރީ، ފޯކައިދޫ، ޓީސީ އަދި ގްރީން ސްޓްރީޓްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑު ކަރާ ވަގު

    ތޮއްޑޫ ވަގު ކަރާ ވަހީދު ނިއުރޭޑިއަންޓުގެ ހުރިހާ ލާރިކޮޅެއް ދަވާލައިގެން ފިލީ. ރާއްޖެއިން ބޭރުގަ ސިޔާސީ

    މަޖަލުގައި އުޅެފަ އައިސް އެހެރީ ޓުއަރިޒަމް މިނިސްޓަރ

    ކަމަށް އަރާ.

  2. އެއަރދޮންބެ

    ކިތަންމެ ވަރަކަށް ސަސްޕެންޑުކުރިޔަސް ބަސްސާމު ބޭރުވާނެ ބޭރު ކުރާނަން.. ގަދަފައި ވިއްދަން ނުހަދާ.. ނިއުއާ ކުޅުމަކީ ލެއާ ކުޅުން.