ރާއްޖެއަށް ބައިނަލްއަގުވާމީ ލެވެލްގައި ޓީޓީއިން ގެނެސްދިން ފުރަތަމަ ރަން މެޑަލް ފާތިމަތު ދީމާ ގެނެސްދީފިއެވެ.

ދީމާ ރަން މެޑަލް ހޯދާފައި ވަނީ ސަރަހައްދީ ގައުމުތަކަށް އަމާޒުކޮށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސައުތު އޭޝިއަން ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގައެވެ. އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ މުބާރާތް މިމަހުގެ 22އިން 27އަށް ކުރިއަށް ގޮސްފައިވާ އިރު، ދީމާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.

އިންޑިއާގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ މުބާރާތަކީ ސަރަހައްދީ އެންމެ ވަރުގަދަ ގައުމުތަކުން ވާދަކުރާ މުބާރާތެކެވެ. އިންޑިއާ އަދި ލަންކާ އަދި ނޭޕާލުންވެސް އެގައުމުތަކުގެ އެންމެ މޮޅެތި ކުޅުންތެރިން މުބާރާތުގައި ވާދަކުރިއެވެ. ދީމާ ވަނީ އިންޑިއާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން ބަލިކޮށް ލަންކާއާއި ނޭޕާލްގެ އެއްވަނަ ކުޅުންތެރިންވެސް ބަލިކޮށްފައެވެ.

މުބާރާތް ކުރިއަށް ގޮސްފައި ވަނީ ލީގު އުސޫލުން ކަމަށްވާ އިރު، ދީމާ ވަނީ ކުޅުނު ނުވަ މެޗުން، މުބާރާތުގެ ހުރިހާ ކުޅުންތެރިން ބަލިކޮށްފައެވެ. މުބާރާތުގައި ވާދަކުރީ 12 އަހަރުން ދަށުގެ ކުދިންނެވެ.

ދީމާ ޓްރޮފީއާ ހަވާލު ވަނީ ---

މިއަހަރު ޓީމުގައި ރާއްޖޭގެ ޓީމުގެ ކޯޗަކީ ކުރިން ގިނަ ފަހަރެއްގެ މަތިން ރާއްޖޭގެ ޓީޓީ ޗެމްޕިއަންކަން ހޯދާފައިވާ އިބްރާހީމް ޝިއުރީއެވެ.

މިދިޔަ އަހަރު ސްވިޑެންގެ ހެލްމްސްޓަޑްގައި ކުރިއަށްދިޔަ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދީ ދީމާއެވެ.

ދީމާ ފުރަތަމަ ވިދާލީ އޭނާގެ އުމުރުން އަށް އަހަރުގައި މެލޭޝިޔާގެ ޓީޓީ މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސްރީލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަންވެސް ހޯދައިފިއެވެ. އެ މުބާރާތުގެ ރަން ވަނައާއެކު ދީމާއަށް ވަނީ ލަންކާއިން ވަނީ އެގައުމުގެ ރަށްވެހިކަން ދީ ގައުމީ ޓީމަށް ކުޅުމަށްވެސް ދައުވަތު ދީފައެވެ. ނަމަވެސް ދީމާގެ އާއިލާއިން ހިޔާރުކުރީ ދިވެހިރާއްޖެ ތަމްސީލު ކުރުމަށެވެ.

ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރު ދީމާ ވަނީ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި 16 އަހަރުން ދަށުގެ ފައިނަލުގައި ކުޅެފައެވެ. ދާދި ފަހުން ރާއްޖޭގައި ބޭއްވި ސަރަހައްދީ ލެވެލްގެ ފުރަތަމަ ޓޭބަލް ޓެނިސް މުބާރާތް، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑެޓް ޓީޓީ ޗެމްޕިއަންޝިޕްގެ އަންހެން ހޯޕްސް ކެޓަގަރީ ސިލްވާ މެޑަލްވެސް ދީމާ ވަނީ ހޯދައިފައެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު މާދަމާ ރޭ މާލެ އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިމްނާ

    މިހުރީ ރައީސް ޔާމީންގެ ސަރުކާރުން ކުޅިވަރަށް ކުރި ހޭދަޔާ އެކަމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާއެވެ.

  2. އަލްޖިބްރާ

    މައުމޫނުގެ ވެރިކަމުގައި ފުޓްބޯޅަ ކުޅެގެން ސާފް ޗެންޕިއަން ކަންވެސް މިރާއްޖޭން ހޯދި ! އެއީ މައުމޫނު ކޮން ކަމެއް ކޮށްގެންތަ ؟ ކުަލިވަރަށް ހޭދަކުރިމީހާ ނުފޮނުވީ ކީއްވެތަ ؟ ރަންމެޑަލް ހޯދީ ކުޅުންތެރިއެއްގެ މޮޅުކަމުން ! ހޭދަކުރިމީހާގެ މޮޅުކަމަކުން ނޫން !