ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ޕްރޮގްރާމުތައް ހިންގާނެ ކޯޗުން ތަރްމީނު ކުރުމަށް ހިންގާ ޓްރެއިނިންގ ޕްރޮގްރާމް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްވަރމަންޓް އަޙުމަދު މަޙުލޫފު މިއަދު ފައްޓަވައިދެއްވައިފިއެެވެ. މިނިސްޓަރ މިކަން އިފްތިތާޙު ކޮށްދެއްވީ، އެކަމަށް ޚާއްޞަކުރެވިގެން މިއަދު ހެނދުނު ހ.ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޙުލޫފު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ އެކިއެކި ފުރުޞަތުތައް ހޯދައިދިނުންކަމަށާއި، ޔުނިސެފާއި އެކުވެސް މިކަމާއި ގުޅޭ މަޝްވަރާތައް މިހާރު ކުރަމުންދާކަމަށެވެ.

"މިފަދަ ކަންކަމަށް މިނިސްޓްރީން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. މިކަމުގައި ރައީސްގެ ވިސްނުންފުޅު ވެސް ވަރަށް ޕޮޒިޓިވްކޮށް ހުރީ. މިފަދަ ފުރުޞަތުތައް އެ ކުދިންނަށް ދާއިމީ ގޮތެއްގައި ލިއްބައިދެވޭކަމަށްވާނަމަ، ރަނގަޅު ކާމިޔާބީތަކަކާއި ހަމައަށް އެކުދިންނަށް ވާޞިލުވެވޭނެ" މިނިސްޓަރ މަޙުލޫފު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޯޗުން ތަމްރީން ކުރަން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޯޗުން ތަމްރީން ކުރަން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތުގައި މިނިސްޓަރގެ އިތުރުން ޔޫތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ނޭޝަނަލް ސްޕޯޓްސް ކައުންސިލާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ހިންގާ މި ޓްރެއިނިންގ ޕްރޮގްރާމާއި ގުޅޭގޮތުން "ވަގުތު" އިން ދެންނެވި ސުވާލެއްގެ ޖަބާވުގައި ނޭޝަނަލަން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާޙިމް އިޞްމާޢީލް ވިދާޅުވީ، މި ހަރާކާތް ބޮޑަށް އަމާޒުކުރެވިފައި އޮތީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ސިކުނޑީގެ އުނިކަން ހުންނަ ކުދިންނަށް ކަމަށާއި، އަންނަ މާރޗް މަހުގެ 14 ން 21 ށް ވެސް މިފަދަ ޕްރޮގްރާމެއްގައި 4 ބޭފުޅުން ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ. މިކަމަށް ޚާއްޞަ ކުރެވިގެން ސްޕެޝަލް އޮލިމްޕިކްސް ކޮމެޓީ އެއް މިހާރު އުފައްދާފައިވާ ކަމަށާއި، މި ކޮމެޓީ މެދުވެރިކޮށް އަތޮޅު ތެރޭގައި ތިބި މިފަދަ ކުރިންނަށްވެސް މި ތަމްރީންތައް ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޯޗުން ތަމްރީން ކުރަން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޯޗުން ތަމްރީން ކުރަން ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މި މަސައްކަތް ފެށުމުގެ ގޮތުން އަޅުގަނޑުމެން ވާހަކަ ދެއްކިން ރާއްޖޭގައި ހުރި ކަމާ ގުޅޭ ޖަމްޢިއްޔާތަކާ. އަދި ޝައުޤުވެރިކަން ހުންނަ އެހެން ފަރާތްތަކާވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. މި މަސައްކަތަށް އުފައްދާފައިވާ ކޮމެޓީގެ ދަށުން އިރާދަކުރެއްވިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި ކާމިޔާބު ކަމާ އެކު މި މަސައްކަތް ކުރެވޭނެ." އިބްރާޙިމް އިޞްމާޢީލް ވިދާޅުވިއެވެ.

ކޯޗުން ތަމްރީން ކުރުމަށް މި ހިންގާ ޕްރޮގްރާމުގައި ބައެއް ސެޝަންތައް ނަގައިދެއްވަން ، އޭޝިޔާ ޕެސިޕިކް ރީޖަންގެ ސްޕެޝަލް އޮލިމްޕިކްސް ގޭމްސް ގެ ޑިރެކްޓަރެއްވެސް ބައިވެރިވަޑައިގަންނަވަމެވެ. އަދި ޢަމަލީ ގޮތުން ޓްރެއިނިންގ ދެއްވަން ހަރަކާތްތެރިވެލައްވަނީ އިންޑިޔާގެ ޓްރެއިނަރެކެވެ.

ދާދިފަހުން އުފެއްދި ސްޕެޝަލް ކޮމެޓީގެ ރައީސްގެ މަޤާމުގައި ހުންނެނީ މޫސާ ނާޝިދުއެވެ. ނާޝިދަކީ ނޭޝަނަލް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްވެސް މެއެވެ.