ކަނޑައެޅުފައިވާ އުސޫލުތަކާއި ގަވާއިދުތަކުން ބޭރުން، އެފްއޭއެމްގެ މެނޭޖުމަންޓާއި ވެރިން ބަދަލުކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް (ދަ ގޭންގް)އިން ގޮވާލައިފިއެވެ.

ދަ ގޭންގުން މިހެން ބުނެފައި ވަނީ އެފްއޭއެމްގެ މިހާރު އޮތް އިންތިހާބީ އެކްސްކޯ ބަދަލުކުރުމަށް ނިއު ރޭޑިއަންޓް އިސްކޮށް އޮވެ، ފުރަތަމަ ޑިވިޝަންގެ އެންމެ ކްލަބެއް ފިޔަވާ އެހެން ހުރިހާ ކްލަބަކާއި، ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ގިނަ ކްލަބުތަކަކާއެކު ނުކުތް ކަމަށް ނިއުއިން ބުނެފައި ވަނިކޮށެވެ.

އެފްއޭއެމްއިން މުސާރައިގެ މައްސަލަތަކުގައި ނިއު ސަސްޕެންޑް ކޮށްފައިވާ އިރު، ނިއުއިން ބުނެފައި ވަނީ އެފްއޭއެމްއިން ނިއު ސަސްޕެންޑް ކުރީ އެ ކްލަބުން އިސްކޮށް އޮވެ، އެފްއޭއެމްގެ އެކްސްކޯ ބަދަލު ކުރުމަށް، ފުރަތަމަ ޑިވިޝަންގެ އެންމެ ކްލަބެއް ފިޔަވާ އެހެން ހުރިހާ ކްލަބަކުން މަސައްކަތް ކުރަމުންދާތީ އެޅި ފިޔަވަޅެއް ކަމަށެވެ.

ނިއުއިން ބުނެފައި ވަނީ ފުރަތަމަ ޑިވިޝަންގެ އެންމެ ކްލަބެއް ފިޔަވާ އެހެން ހުރިހާ ކްލަބަކުން ނިއުގެ ސިޓީގައި ސޮއިކުރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން މާޒިޔާއިންވެސް އެކަމާ ދެކޮޅު ކަމުގެ އިޝާރާތެއް ދީފައިވާ އިރު، އީގަލްސްއާއި ދަ ގޭންގުންވެސް ބުނެފައި ވަނީ ސޮއި ނުކުރާ ކަމަށެވެ.

ދަ ގޭންގުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެފްއޭއެމްގެ އިސްވެރިންނާއި މެނޭޖުމަންޓް ބަދަލުކުރުމުގެ މަސައްކަތް ބަޔަކު ފަށާފައިވާ މި ދަނޑިވަޅުގައި، ދަ ގޭންގުން އެކަމުގައި ބައިވެރިވުމަށް އެދި އެކިއެކި ފަރާތްތަކުން އެދެމުންދިޔަ ކަމުގައި ވީ ނަމަވެސް، ގަވާއިދާއި އުސޫލުން ބޭރުން ހިންގާ އެފަދަ އެއްވެސް ކަމެއްގައި އެ ކްލަބުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެވެން ނޯންނާނެ ކަމަށެވެ.

ދަ ގޭންގުން އިތުރަށް ބުނީ ފުޓުބޯޅައަށް ގެއްލުން ލިބޭނެ އެއްވެސް ކަމަކީ ދިވެހި އެއްވެސް ރައްޔިތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުގައި ކްލަބުގެ އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް، އެ މަސައްކަތް ހުއްޓާލުމަށްވެސް ދަ ގޭންގުން ވަނީ އެދިފައެވެ.

ދަ ގޭންގުން ބުނެފައި ވަނީ އެ ކްލަބުގެ އެންމެ ބޮޑު އުންމީދަކީ މިހާރު ހިނގަމުންދާ ކަންކަން އަވަހަށް ހައްލުވުން ކަމަށާއި، ސަރުކާރުގެ ވުޒާރާތަކާއި އެފްއޭއެމްގެ މައްސަލަ ހައްލުކޮށް، އެކުވެރިކަމާއެކު ކުރިއަށްދާތަން ދެކެން ބޭނުންވާ ކަމަށްވެސް ދަ ގޭންގުން ބުނެފައިވެއެވެ.

ދަ ގޭންގަކީ މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ. އެޓީމުން މި ސީޒަންގައި ފުރަތަމަ ޑިވިޝަން ކުޅޭ އިރު، މިއީ ކްލަބު ހަޔާތުގައި ފުރަތަމަ ޑިވިޝަން ކުޅޭ ފުރަތަމަ ފަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި މަހުލޫފު ދިޔަފަހުން ފުޓުބޯޅަ ހަލާކުވެއްޖެ.