ލަލީގާގެ "ރަސްގެފާން"އަކީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ބާސެލޯނާގައި އޭނާ މިހާތަނަށް ހޭދަކުރި 14 އަހަރު ތެރޭގައި 390 ލީގު ގޯލް ޖަހާފައިވާ އިރު، ލަލީގާގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް އޮތީ، ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ މެސީ އަތުގައެވެ.

ރޭ ބާސާއިން ކުޅުނު ލީގު މެޗުން މޮޅުުވެ، ލީގު ތާވަލުގެ އެއްވަނައިގައި އެޓީމުން ލީޑު ދެމެހެއްޓި އިރު، ރޭގެ މެޗަކީ ބާސާއިން ފުލުފުލުގައި މޮޅުވި އަށްވަނަ މެޗެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯއިން ކުޅުނު ލީގުގެ ހުރިހާ މެޗެއްގައިވެސް ތަފާތު ދައްކާފައެވެ. ރޭގެ މެޗުގައިވެސް މެސީގެ ޖާދޫ ފެނިގެންދިޔަ އިރު، ދެވަނަ ގޯލް ޖެހީ މެސީއެވެ. ފުރަމަ ގޯލް ޖެހީ ސެމެޑޫއެވެ.

ރޭގެ މެޗަކީވެސް ރަށުން ބޭރުގައި ކުޅުނު މެޗަކަށްވާ އިރު، މެޗުގައި މެސީ ޖެހި ގޯލަކީ އޭނާ އަވޭ ސްޓޭޑިއަމްއެއްގައި ޖެހި 170 ވަނަ ގޯލެވެ. ލަލީގާގައި އޭނާ ވަނީ މިހާތަނަށް 218 އަވޭ މެޗެއްގައި ކުޅެފައެވެ. އޭގެ ތެރެއިން 143 މެޗުން މޮޅުވި އިރު، 48 މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ބަލިވީ އެންމެ 27 މެޗުންނެވެ.

މެސީގެ ޖާދޫ ދައްކާލާކަށް އޭނާއަށް ހޯމްއެއް އަވޭއެއް ނޯވެއެވެ. އިދިކޮޅު ޓީމުތަކުގެ ސްޓޭޑިއަމްއަކަށް އޭނާ ޖެހުލުން ނުވާނެކަން މި ރެކޯޑުން އެނގެއެވެ. އޭނާ ރޭ ގޯލް ޖެހީ ރަށުން ބޭރުގެ 35 ވަނަ ސްޓޭޑިއަމްގައެވެ. ސްޕެއިން ފުޓުބޯޅައިގެ 35 ސްޓޭޑިއަމްއެއްގައި ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީވެސް އޭނައެވެ.

އާޖެންޓީނާއަށް އުފަން މެސީއަށް އެ ރެކޯޑު އިތުރު ކުރުމަށްވެސް އަންނަ ހަފްތާގައި ފުރުސަތު ލިބިގެންދާނެއެވެ. ހުއެސްކާގެ އަލްކޮރެޒް ސްޓޭޑިއަމްގައި ބާސާ މެޗު އޮތް އިރު، އެއީ މެސީ ކުރިން ކުޅެފައި ނުވާ ސްޓޭޑިއަމްއެކެވެ.

އިދިކޮޅު ސްޓޭޑިއަމްތަކުގެ ތެރެއިން މެސީ މިހާތަނަށް ކުޅުނު ސްޓޭޑިއަމްތަކުން ގޯލް ނުޖެހި އޮތީ އެންމެ ހަ ސްޓޭޑިއަމްއެއްގައެވެ. އޭގެ ތެރެއިން އެތުލެޓިކޯގެ އާ ސްޓޭޑިއަމް، ވަންޑާ މެޓްރޯޕޮލިޓާނޯގައި އޭނާ ސެވިއްޔާ ކޮޅަށް ގޯލެއް ޖެހި ނަމަވެސް، އެ ގޯލް ނުގުނާ އޮތީ، އެ ސްޓޭޑިއަމްގައި އެ މެޗު ކުޅުނީ ނިއުޓްރަލް ސްޓޭޑިއަމްއެއް ގޮތުގައި ކަމަށްވާތީއެވެ.

މެސީ މިހާތަނަށް އެންމެ ގިނަ އަވޭ ގޯލް ޖަހާފައި ވަނީ ޑެޕޮޓީވޯ ލަކަރޫނިއާގެ ރިއަޒޯ ސްޓޭޑިއަމްގައެވެ. އޭނާ ވަނީ އެ ސްޓޭޑިއަމްގައި 13 ގޯލް ޖަހާފައެވެ. ދެވަނައަކަށް މެސީ އެންމެ ގިނަ ގޯލް ޖެހީ ވާދަވެރި ރެއާލް މެޑްރިޑްގެ ސަންތިއާގޯ ބާނަބޭއޫގައެވެ. އެއީ 11 ގޯލެވެ.