އެފްއޭއެމްގެ ވާހަކަ އަނެއްކާވެސް ގަދަވެއްޖެއެވެ. ދިވެހި ފުޓުބޯޅައިގެ ވާހަކަ ގިނަ ވެއްޖެއެވެ. ވާހަކަތައް ގިނަ ވަނީ ހައްލުކުރަން ހުރި ކަންކަން ގިނަކުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ އެކަމުގެ ތެރެއިން، ކަމެއް ހާސިލް ކުރުމަށް މަސައްކަތްތަކެއް ކުރެވޭތީ ކަމަށްވެސް ވެދާނެއެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި، ސަރަހައްދީ ފުޓުބޯޅައިގެ މައި އިދާރާތަކުން ބާރު ލިބިގެން؛ ކޮންމެ ގައުމަކުންވެސް ހިންގާ ފުޓުބޯޅައިގެ އެންމެ މަތީ އޮފީހަކީ ފުޓުބޯޅައިގެ މައި އިދާރާއެވެ. ރާއްޖޭގައި ނަމަ އެފްއޭއެމްއެވެ. ބެލެނިވެރި ފަރާތަކީ ފީފާއެވެ. ސަރަހައްދީ މައި އިދާރާ އޭއެފްސީއެވެ.

އެފްއޭއެމްއަކީ މުޅިންހެން ކްލަބުތަކުގެ މަސްލަހަތު ހިމެނޭ ވަކި އިދާރާއެކެވެ. ސަރުކާރު ތެރެއިން ނުފޫޒުން އެއްކިބާވެ ހިންގަމުންދާ މިނިވަން ބޮޑީއެކެވެ. ފީފާ ގަވާއިދުގެ އާޓިކަލް 17 ގައި ބުނާ ގޮތުން، އެއްވެސް ގައުމެއްގެ އެފްއޭއަށް ސަރުކާރުގެ ނޫނީ އަމިއްލަ ފަރާތެއްގެވެސް ތިންވަނަ ބާރެއް ވަދެގެން ނުވާނެއެވެ. ނުފޫޒެއްވެސް ފޯރައިގެން ނުވާނެއެވެ. ހަރަދުތައް، ހިސާބުތައްވެސް ބަލާނީ ސީދާ ބެލެނިވެރި ފަރާތުންނެވެ. ފީފާއާއި އެ ބައްރެއްގެ ފުޓުބޯޅަ ބޮޑީންނެވެ.

އެފްއޭއެމްއިން ކުރިއަށް ގެންދިޔަ ޕްރެސްއެއްގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަހުމަދު އަލީ

އެފްއޭއެމްއާއި އެތަނުގެ މަސްއޫލިއްޔަތުތަކުން އެތަނެއް ބޭރުވާނަމަވެސް ފިޔަވަޅު އަޅަން ނުކުންނަން ޖެހޭނީ މެމްބަރު ކްލަބުތަކެވެ. އެއްވެސް އިތުރު ފަރާތަކަށް އެކަމަށް ނުފޫޒެއް ވެއްދި، ވަކި ޕްރޮޕެގެންޑާއަކަށް މަސައްކަތް ކުރުމަކީވެސް އުސޫލާ ހިލާފު ކަމެކެވެ. ދިވެހި ފުޓުބޯޅައިގެ ފަރުދާގެ ފުރަގަހުން އެތައް ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި، ކަންކަމުގެ މާނަ، ސަޕޯޓަރުންނަށް ފަހުމްވާން ޖެހެއެވެ.

ސަރުކާރަށް އައި ބަދަލާއެކު އެފްއޭގެ ބަދަލަކަށް ބޭނުުންވުން؟

ކޮންމެ އެފްއޭއަކާވެސް، ކޮންމެ އިދާރާއަކާ ދޭތެރޭވެސް ދެ ކޮޅަށް އަބަދުވެސް ވާހަކަ ދެކެވޭނެއެވެ. ހާއްސަކޮށް ރާއްޖެއަކީ ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ ގައުމަކަށްވާ އިރު، ހެޔޮ ބަދަލުތަކެއް ނުފެންނަނަމަ، ރައްޔިތުންނާއި އާންމުންގެ ފަރާތުންވެސް އެ ޕްރެޝަރު އޭރަކު އޮންނަ އެފްއޭއަކަށް އަންނާނެއެވެ. އެކަންކަން އަޑުއެހުމަކީ އެފްއޭގެވެސް ޒިންމާއެކެވެ. އެކަން ހައްލު ކުރަން ކްލަބުތަކާއެކު މަސައްކަތް ކޮށް، ކުޅުންތެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު އޮތީ ހަމަ ސީދާ އެފްއޭއަށެވެ.

މިނިސްޓަރު މަހުލޫފް ރާޅާ އެޅުމުގައި --- ފޮޓޯ/ މީސް މީޑިއާ

ސަރުކާރަށް އައި ބަދަލުތަކާއެކު އެފްއޭއާ ޔޫތު މިނިސްޓްރީއާ ޖެހިއްޖެއެވެ. އެފްއޭގެ ތެރެއިން އުފެދިގެން އައި ކްލަބު ލައިސަންސިން ނުލިބުނު މައްސަލަ ބަލަން ޔޫތު މިނިސްޓްރީން ވަކި ކޮމިޓީއެއް އެކުލަވާލިއެވެ. އެ ކޮމިޓީގެ މަގުސަދެއް ކަމަށް ފުރަތަމަ ބުނީ ކްލަބުތަކަށް ލައިސަންސް ގެއްލުނު މައްސަލަ ބެލުމެވެ.

ކޮންމެއަކަސް އެ މައްސަލައިގެ ތެރެއަށް ޔޫތު މިނިސްޓްރީ ވަން ހިސާބުން، އޭއެފްސީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފްއޭއެމްގެ ކަންކަން ބެލުމަށް ތިންވަނަ ފަރާތަކުން ނުވަމަށް ގޮވާލިއެވެ. އަދި އެކަން އެގޮތަށް ހިނގާނަމަ ފިޔަޅު އެޅުމަށް އިންޒާރުވެސް ދިނެވެ. މީގެ ކުރިންވެސް ފުޓުބޯޅަ އިދާރާ ތެރެއިން އެތައް ކަމެއް ގޯސްކޮށް ދިޔަ އިރުވެސް، މިނިސްޓަރުގެ މެންޑޭޓުން އެކަން ހައްލުކުރަން އުޅެފައެއްވެސް ނެތެވެ.

ކޮންމެއަކަސް އެހިސާބުންވެސް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަލަން ބޭނުމީ އެފްއޭއެމްގެ މާލީ ކަންކަމާއި، ހޭދަކުރި ގޮތުގެ ތަފްސީލުތައް ކަމަށް ވިދާޅުވި، މެންޑޭޓު ބަދަލުކޮށްލިއެވެ. އެ ވާހަކައާއެކު އެފްއޭގެ ފައިސާގެ ކަންކަމަށް ރިއާޔަތްކޮށް ބަޔާނެއްވެސް ނެރުނެވެ. އޮޑިޓް ކުރާ އުސޫލުތަކާއި، ފައިސާގެ ކަންކަން ބަލަހައްޓާ އުސޫލުވެސް އާންމުކޮށް އިއުލާން ކުރިއެވެ.

ކޮންމެއަކަސް އެފްއޭއާއި ޔޫތު މިނިސްޓަރުގެ ކޯޅުން އިންތިހާއަށް ދިޔައީއެވެ. ޔޫތު މިނިސްޓަރު، އޭއެފްސީ ރައީސާއި ފީފާގެ ރައީސާވެސް ބައްދަލުކުރިއެވެ. އެހިސާބުންވެސް އެކަމުގައި އިތުރު ބައެއް ވިސްނުންތައް ޔޫތު މިނިސްޓަރު ގެންގުޅުއްވާކަން ފެނިގެންދިޔައެވެ.

ޔަގީނުންވެސް ފެނުނީ ވެރިކަމުގެ އިދާރާތައް ބަދަލުވުމާއެކު އޭގެ އަސަރު ފުޓުބޯޅައަށް ކުރިތަނެވެ. ސީދާ ގޮތެއްގައެވެ. ކުލަތަކާއި ފިކުރުތައް ފުޓުބޯޅައިގެ ތެރެއަށް ވަދެ، ޒިންމާދާރުކަން ކުޑަކޮށް އެތައް ބައެއްގެ ވާހަތައްވެސް ފެނިގެންދިޔައެވެ. ސުވާލަކީ ސިޔާސީ، އަދި ރިޔާސީ ބަދަލަކާއެކު އެފްއޭއެމްއަށް އޭގެ އަސަރު ކުރަން ޖެހޭ ސަބަބެއް ކޮބާތޯ ކުރެވޭ ސުވާލެވެ. ވެރިކަމާއެކު އެފްއޭއެމްއަށް ބަދަލަކަށް އިނގިލި ދިއްކުރަން ޖެހޭ ސަބަބަކީ ކޮބާތޯ ކުރެވޭ ސުވާލެވެ.

އެފްއޭއެމްގެ ވެރިންގެ ސިޔާސީ އަމަލުތައް - ތުހުމަތުތަކުގެ އަސްލު؟

ފޮޓޯ--- އަވަސް

މިވަގުތު ރާއްޖޭގައި އޮތް އެފްއޭއަށް އެތައް ތުހުމަތުތަކެއް އެބަހުއްޓެވެ. މަގާމުގެ ނާޖާއިޒު ފައިދާ ނެގުމާއި، ކޮރަޕްޝަނުގެ ތުހުމަތުތަކެވެ. ސިޔާސީ ކަމަކަށް ފުޓުބޯޅަ ހަދާ، ފުޓުބޯޅައިގެ ފޯރި ރާއްޖެއިން ގެއްލުވާލި ކަމުގެ ތުހުމަތެވެ. ގައުމީ ލެވެލްގައި ފުޓުބޯޅައަށް ހެޔޮ ބަދަލެއް ގެންނަން މަސައްކަތް ނުކުރުމުގެ ތުހުމަތެވެ.

މި މައްސަލަތައް އުފެދިގެން ދިޔައީ ކިހާ ހިސާބަކުންތޯ، ކީއްވެގެންތޯ، އެއީ އުފެދޭ ސުވާލުތަކެވެ. ކްލަބުތަކުން ވޯޓު ލައިގެން ހޮވި އެފްއޭއެއް ކުއްލިއަކަށް ކްލަބުތައް އަތުން ދިޔައީތޯ، އެއީ ކުރެވޭ ސުވާލެކެވެ. އޭގެ ޖަވާބުތައްވެސް ހަމަދެނީ އެކިއެކި ތިއަރީތައް ގެންނަ ސަޕޯޓަރުންނެވެ. "ފުޓުބޯޅަ ސިޔާސީވެ، އޭރުގެ ސަރުކާރުގެ މުށު ތެރެއަށް ދިޔައީ،" މިއީ އެންމެ އާންމު ޖަވާބެވެ.

އެފްއޭއެމްގެ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިއު ރޭޑިއަންޓުން ހާއްސަ ބަޔާނެއް ތައްޔާރުކުރި އިރު، އެ ކްލަބުން ނެރުނު ސިޓީގައި ބުނެފައި ވަނީ ފުރަތަމަ ޑިވިޝަންގެ އެންމެ ކްލަބަކުން ފިޔަވާ އެހެން ހުރިހާ ކްލަބަކުން އެކަމަށް ބޭނުންވާ ކަމަށެވެ. ހައްލަކީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ކަމަށެވެ. ނިއުއިން އެހެން ބުނި ނަމަވެސް ފަހުން ބައެއް ކްލަބުތަކުން ބުނީ އެއީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އެކަމަށް ހިތްވަރު ނުދޭ ކަމަށެވެ.

ނިއުއިން އެކަމަށް ތައްޔާރުވަމުން ދަނިކޮށް، ސީނިއާ ޓީމުގެ މުސާރައިގެ އެތައް މިލިއަނެއްގެ މައްސަލަތަކެއްގައި އެފްއޭއެމްއިން އެޓީމު ސަސްޕެންޑް ކުރިއެވެ. ހާލަތަށް ރިއާޔަތްކުރާ ގޮތުން، އެކަންތައް އެކި ފަރާތްތަކުން މާނަކުރީ އެކިގޮތަށެވެ.

ބަޔާން މިހާރު އެންމެނަށްވެސް ފަހުމުވެފައިވާނެ ކަމަށް ބަލަމާ ހިނގާށެވެ. ބަޔާނުގައިވާ ބައެއް ޕޮއިންޓްތަކަށް ބަލާލުމުން އެއް ކަމެއް ސާފެވެ. "އެފްއޭއެމްގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގުން. އެކަމަށް ހާއްސަ އޮފީހެއް ގާއިމް ކުރުން،" މިއީ ބަޔާނުގެ އެންމެ ބާރުގަދަ ޕޮއިންޓެވެ. އެހިސާބުން އެނގެނީ މައްސަލަތަކުގެ އަސްލު ގުޅެނީ ފުޓުބޯޅައަށް އޮންނަ ސަރުކާރުގެ ނުފޫޒާ ކަމެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް --- ވަަގުތު އިމޭޖްސް/ މުހައްމަދު ޖިމީ

އެފްއޭއެމްގައި މިހާރު ތިބި ބައެއް އިސްވެރިންނާއި، ރާއްޖޭގެ ކުޅިވަރުގައި އެކިއެކި ގޮތްގޮތުން ތިބި ފަރާތްތައް ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައިވެސް، ސީދާ ރައީސް ޔާމީނާ އެންމެ ގާތުން ފެނިގެން ދިޔުން ވެގެންދިޔައީ މިހާރު އުފެދިފައިވާ މައްސަލަތަކުގެ އަސްލު ކަމަށެވެ. އެހެން ނަމަވެސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ސިޔާސީ ކަންކަން ހިންގަވާކަން ކަނޑައެޅިގެން ދޮގު ކުރައްވާފައެވެ. އަދި އެފަދަ އޮފީހެއް އެފްއޭއެމް ތެރޭގައި ހިންގެވި ނަމަ، އެކަމުގެ އެއްވެސް ހެއްކެއް ދެއްކުމަށް ބައްސާމް އެދިވަޑައިގަތެވެ.

އެފްއޭއެމްގެ އެތެރަށް އަބަދުވެސް ސަރުކާރު ވަނުން މިއީ ފުޓުބޯޅަ ސިޔާސީވާ ހިސާބެވެ. ކްލަބުތަކަށް ފައިނޭންޝިއަލް އެހީތެރިކަމަށް ނަމަވެސް، ސަރުކާރުގެ އަތެއް އެފްއޭ މެދުވެރިކޮށް ކްލަބުތަކަށް ދޭން ޖެހުމަކީ ފުޓުބޯޅައިގެ ތެރެއަށް އިތުރު ފަރާތަކުން ވަނުން ކަމަށް ބެލެވިދާނެއެވެ. އެހެން ނަމަވެސް، އެފްއޭއެމްއިން ބުނެފައި ވަނީ އެކަންވެސް ދެއަހަރެއް ތެރޭ މުޅިން އެފްއޭއެމް ދަށަށް ގެންނާނެ ކަމަށެވެ.

ފުޓުބޯޅައިގެ ތެރެއިން، ސިޔާސީ ވިސްނުމުގައި ޒާތީ ހަސަދަ ފިލުވާލުން؟

މައްސަލަ ޒާތީއެވެ. ޓްވީޓުތަކާއި ރައްދުތަކުން އެކަން އޮޅުން ފިލައެވެ. ފިޔަވަޅުތަކާ ހަމައިންވެސް އެކަން ފެނިފައި އޮވެދާނެއެވެ. ފުޓުބޯޅައިގެ ތެރެއިން ސިޔާސީވެ، އެކަމުގެ ޒާތީކަން ފިލުވާލާ، އެކަމުގެ އަސަރު ކްލަބުތަކަށް ކުރާ ހިސާބަކީ ފުޓުބޯޅަ މިހާރު އޮތް އަޑިގަނޑަށް ވެއްޓެން ދިމާވި ހިސާބެވެ. މީގެ ކުރިންވެސް އެކަންވީ ގޮތެވެ. އެކަމަކު އެއީ އިސްލާހަށް ނުކުތް ބަޔަކު ނުހިނގަންވި މަގެވެ.

ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން، މަހުލޫފަށް ލިބިފައިވާ ބާރުގެ ތެރެއިން އެފްއޭއެމްގެ ކޮންގްރެސްއަކަށް ހިތްވަރު ދެވުން އެއީ އެންމެ އެކަށޭނެ ގޮތަށް ނުވެދާނެއެވެ. ހާއްސަކޮށް އެފްއޭއެމްގެ ރައީސް ބައްސާމަށް އިތުބާރު އޮތްތޯ ޔޫތު މިނިސްޓަރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ޕޯލްއެއް ނެގުންވެސް ސިފަ ވަނީ އެންމެ އެކަށޭނެ ކަމެއްގެ ގޮތުގައިތޯ ސުވާލު އުފެދެއެވެ.

ނިއުގެ ޗެއާމަން ޒިޔާދު --- ފޮޓޯ/ މިހާރު

ކޮންމެއަކަސް ސީދާ ޒުވާނުންގެ މިނިސްޓަރަށް ގަދަރު ކުޑަކޮށް ރައްދި ދިނުމަކީ އެފްއޭއެމްއަށްވެސް އެންމެ ތަހުޒީބީ އުސޫލެއް ނޫނެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް އަމާޒުކޮށް ކްލަބަކަށް ފިޔަވަޅު އެޅި ނަމަ، އެއީ އެފްއޭއެމްގެ ޒިންމާއަށްވެސް ނުކަސިޔާރު އަމަލެވެ. އެކަމަކު އެކަމަށް އެފްއޭއިން ވަނީ ޖަވާބުވެސް ދީފައެވެ.

ނިއުއަށް އެޅި ފިޔަވަޅަކީ ޒާތީ ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ބުނި އިރު، ކްލަބުގައި އޮތް މުސާރައިގެ މައްސަލަތަކުގެ އަގު ހަތަރު ވަރަކަށް މިލިއަނަށްވުރެ ގިނައެވެ. އެއީ ނިގުޅައިގަނެވުނު އެތައް ކުޅުންތެރިންނެއްގެ ހައްގެވެ. ފީފާގައި ބައެއް މައްސަލަތައް އޮތް އިރު، ދިވެހި ބައެއް ކުޅުންތެރިން މިދިޔަ އަހަރު ވަނީ ނިއު ދޫކޮށްވެސް ލާފައެވެ. އެފްއޭއެމްގެ ޖަވާބަކީވެސް އެއީއެވެ. ފިޔަވަޅު އެޅީ ކުޅުންތެރިންގެ ހައްގުގައި ކަމަށް ބުނުމެވެ.

ކޮންމެއަކަސް ނިއުއަށް ބޮޑު ފިޔަވަޅެއް އައި އިރު، މުސާރަ ނުދޭ އެހެން ކްލަބުތައް ކޮބާތޯ އެއީ އުފެދޭ ސުވާލެކެވެ. އެ ސުވާލަށް އެފްއޭއިން ދިން ޖަވާބަކީ އަދިވެސް ކްލަބަށް ލުއި ގޮތެއް ހަދާދޭން އެފްއޭއިން ތައްޔާރު ކަމަށެވެ. ނިއުއާއެކު އެފްއޭއެމްއިން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށާއި، ނިއުގެ އެންމެ ބޮޑު އެއް މައްސަލައަކީ ޖަވާބުދާރީ ނުވެވުން ކަމަށެވެ. އެފްއޭއަށް އެއްބާރުލުން ނުދިނުން ކަމަށެވެ. އަދި ދަރާފައިވާ ފައިސާގެ އަދަދު އިންތިހާއަށް ބޮޑުވުމެވެ.

އެކަން އެހެން އޮތް އިރު، ނިއުއިން ކޮންގްރެސްއަށް ފުރަތަމަ ހުށަހަޅަން އުޅުނުކަންވެސް އެންމެ ކުރިން އިއުލާން ކުރީ ޔޫތު މިނިސްޓަރުގެ ޓްވިޓާއިންނެވެ. އަނެއްކާވެސް އުފެދޭ ސުވާލެކެވެ. އެކަމުގައި ޔޫތު މިނިސްޓަރުގެ މަސްލަހަތު ހިމެނޭތޯ ކުރެވޭ ސުވާލެވެ. އެ ސުވާލު އެތައް ބަޔަކު ކުރި އިރު، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ފުރަތަމަވެސް ގޮވާލަން ޖެހޭނީ ޔޫތު މިނިސްޓަރުތޯ ނޫނީ ކްލަބުތަކުންތޯ، މިއީ އުފެދޭ ސުވާލެކެވެ. އެއީ ޒާތީއޭ ބުނާ ލަފުޒަށް ބާރުދޭ އަމަލަކަށްވެސް ވެދާނެއެވެ.

ސިޔާސީ މަންފާއަށް ފުޓުބޯޅަ ބޭނުން ކުރުން ހުއްޓާލަން ޖެހޭ!

ރާއްޖޭގެ ފުޓުބޯޅަ އޮތީ ގޯސް ފައްތަރެއްގައެވެ. ނާޒުކު ފައްތަރެއްގައެވެ. ބައްސާމްވެސް ވިދާޅުވިހެން، ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ނެގުން ފިޔަވާ ގައުމީ ފުޓުބޯޅައަށް މިދިޔަ ސީޒަންގައި ލިބުނު ކާމިޔާބެއް ނެތެވެ. ކްލަބު ސިސްޓަމް އޮތީ ފުނޑިފައެވެ. އެކަމުގައި ވަކި އަތަކަށް ބުރަވަނީކީ ނޫނެވެ. ކަން އޮތް ގޮތުގެ ހަގީގީ މަންޒަރެވެ.

މަހުލޫފު (ކ) އަދި ބައްސާމް (ވ) ----

ފުޓުބޯޅައިގެ ކުރިމަގު، ރާއްޖޭގެ ސިޔާސީ އޮއެވަރުގައި ޖެހުން އެއީ ފުޓުބޯޅައަށް އެންމެ ގެއްލުން ބޮޑު މިސްރާބެވެ. އެ މިސްރާބަށް ހުންގާނު ހުރި އިރު، ރަނގަޅު ކުރަން ނުކުމެ، އެ މިސްރާބުގައި ބަހައްޓާ، ރަނގަޅު ކުރަން އުޅުން އެއީވެސް އެޅޭނެ ޅައެއްޗަކަށް ވުން ގާތެވެ. ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން، ސިޔާސީ ނުފޫޒުން ބަދަލެއް ގެނައުން ވެގެންދާނީ، ހަމަ އެނެއްކާވެސް އިހު އޮތް ގޮތަށް ކަންކަންވުން ކަން ޔަގީނެވެ.

އެފްއޭއެމްގެ ކޮންގްރެސްއެއްވެސް ކައިރި މުސްތަގުބަލެއްގައި އޮތް އިރު، ކޮންމެ ސަރުކާރަކުންވެސް އެފްއޭއެމްއަށް ފޯރުވަން ބޭނުންވާ ނުފޫޒުގެ ވާހަކަ ކްލަބުތަކުން ކަންބޮޑުވުމާއެކު ފާޅުކުރަން ޖެހެއެވެ. ސަރުކާރުގެ އެހީގައި ކްލަބުތަކަށް ސަސްޓެއިންވާން މަޖުބޫރުވި ނަމަވެސް، ނޭދެވޭ ނުފޫޒެއްގެ ތެރެއިން އެ އެހީތެރިކަން އައުމުން، ފުޓުބޯޅައިގެ މިސްރާބު ދާނީ ބަނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދދދ

    ރީލޯޑު ވަޒީރު އޭނަގެ ގޭންގްތަކުގެ ޖަގަހައަކަށް ހަދަން ވަރަށް މަސައްކަތް ކުރޭނު އެބަ.

  2. ނިހާން ހަމީދު

    މި މާއްޓޭ އާއި ސުޒޭނު ނަމަނަމަ ވައި ނާޅުވާތި ފައިސާ ގެންގުޅޭތަންތަނައި ހާއްސަކޮށް މާއްޓޭ މީ ކުއްލިއަކައް މާ އެފްއޭ އެފް އޭ އެމް ވެގަންނަން ވެގެން އުޅޭމީހެއް މީ ތެދުވެރި މީހެއްނޫން