އީރާން ބަލިކޮށް، ޖަޕާނުން ހަތްވަނަ ފަހަރަށް އޭޝިއަން ކަޕްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޔޫއޭއީގައި ކުރިއަށްދާ އޭޝިއަން ކަޕްގެ ފުރަތަމަ ސެމީ ފައިނަލްގައި ޖަޕާނުން ވަރުގަދަ އީރާން ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު އެ ދެޓީމަކީވެސް މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ދެޓީމެވެ. ގިނަ ބަޔަކު އުންމީދުކުރީ މިރޭގެ ސެމީ ފައިނަލް ނިމޭނީ ހަނި ތަފާތެއްގެ ނަތީޖާއަކުން ކަމަށެވެ.

މިރޭގެ މެޗުގައި ޖަޕާނުން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މުބާރާތުގައި ފުރަތަމަ މެޗު ކުޅުނު ޔޫޔާ އޮސާކާއެވެ.

އީރާނުން މުބާރާތުގެ މިހާތަނަށް ކުޅުނު މެޗުތަކުގައި ކޮޅަށް ގޯލެއް ވައްދާލާފައެއް ނުވެއެވެ. ހާއްސަކޮށް މުބާރާތުގައި އީރާނުގެ ގޯލްކީޕަރު ބެއިރަވާންދު ދިޔައީ ވިދަމުންނެވެ. ދެޓީމުންވެސް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކު ސެމީއަށް ދިޔަ އިރު، މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީވެސް އީރާނުންނެވެ.

އީރާނުން މެޗު ކުރީކޮޅުގައި ނުރައްކާ ކުރީ އެޓީމުގެ ވިދުންގަދަ ފޯވަޑް ސަރުދާރު އަޒުމޫންގެ ބޭނުން ކޮށްގެންނެވެ. އެހެން ނަމަވެސް އޭނާގެ ހަމަލާތަކަށް ޖަޕާނުގެ ޑިފެންސާއި ގޯލްކީޕަރު ހުރަސް އެޅިއެވެ.

ފުރަތަމަ ހާފްގައި އީރާނުން މޮޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފް ފެށިގެން 11 މިނެޓް ފަހުން ޖަޕާނުން ލީޑުނެގިއެވެ. މިނަމީނޯ އަރިމަތިން ނަގައިދިން ހުރަސް، ހަމަޖެހިލާފައި ބޮލުން ގޯލަށް ވައްދާލީ އޮސާކާއެވެ. ޖަޕާނުގެ ގޯލަށްފަހު މިނެޓެއްގެ ތެރޭގައި އިރާނަށް ނަތީޖާ ހަމަހަމަ ކުރަންވެސް ފުރުސަތެއް ލިބި ބޭކާރުވިއެވެ.

އަލީރެޒާގެ ހިލޭ ޖެހުން ގޯލަށް އަމާޒުކޮށްލި ނަމަވެސް، ޖަޕާނުގެ ގޯލްކީޕަރު ވަނީ އެ ބޯޅަ ބޭރުކޮށްލާފައެވެ.

އޭގެ އިރުކޮޅެއްފަހުން ޖަޕާނުން އަނެއްކާވެސް ގޯލް ޖެހިއެވެ. އެޓީމަށް ލިބުނު ޕެނެލްޓީން ލީޑު ފުޅާކޮށްދިނީވެސް އޮސާކާއެވެ.

މެޗުގެ ފަހުކޮޅަށް ދިޔަ އިރު، ޖަޕާނުން ދެ ގޯލްގެ ލީޑެއްގައި އޮތުމުން އީރާނުން ކުރިއަށް ޖެހި، ފަހަތުން ހުސް ޖާގަ ދޫކޮށްލިއެވެ. އެ ހުސް ޖާގައިގެ ބޭނުން ހިފާ، މެޗުގެ ފަހުކޮޅުގައި ޖަޕާނަށް ފައިނަލް ޔަގީން ކޮށްދިނީ ހަރަގޫޗީގެ ގޯލުންނެވެ.

ޖަޕާނުން ވަނީ މީގެ ކުރިން ފައިނަލްގައި ކުޅުނު ހަތަރު ފަހަރުވެސް އޭޝިއާގެ ޗެމްޕިއަންކަން ހޯދާފައެވެ. މިފަހަރުގެ ފައިނަލްގައި ޖަޕާނުން ނުކުންނަން ޖެހޭ ޓީމު އެނގޭނީ މާދަމާ ކުޅޭ ސެމީ ފައިނަލް މެޗަށްފަހުގައެވެ. އެ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ޔޫއޭއީއާއި ގަތަރެވެ.

ކިޔުންތެރިންގެ ހިޔާލު