މިއަދު ޔޫއޭއީއާއި ގަތަރު ވާދަކުރާ އޭޝިއަން ކަޕްގެ ސެމީ ފައިނަލް ބެލުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން، ހުރިހާ ސްކޫލްތަކެއް ދެގަޑި އިރު، ކުރިން ބަންދުކުރަން ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ކުރިން އޭޝިއަން ކަޕްގެ ފައިނަލެއްގައި ޔޫއޭއީ ވާދަކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1996 ވަނަ އަހަރުއެވެ. މިފަހަރެކޭ އެއްގޮތަށް އެފަހަރުވެސް މުބާރާތް ބޭއްވީ އަމިއްލަ ގައުމުގައެވެ. އެހެން ނަމަވެސް ފައިނަލްގައި ބަލިވީ ސައުދީ އަރަބިޔާ އަތުންނެވެ.

2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި މުބާރާތުގެ ސެމީއަށްވެސް ޔޫއޭއީ ދިޔަ އިރު، މިފަހަރުގެ މުބާރާތަކީ އެގައުމަށް އަމިއްލަ ގައުމުގައި ތަށި އުފުލާލަން ލިބޭ މުހިއްމު ފުރުސަތެކެވެ.

ގަތަރާ ދެކޮޅަށް މިއަދު ކުޅޭ ސެމީ ފައިނަލް މެޗާ ގުޅިގެން އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގައުމީ ޓީމަށް ސަޕޯޓުކޮށް، ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ގިނަ ބަޔަކު ނެރުމަށް، މިއަދު ހުރިހާ ސްކޫލަކުންވެސް ދެ ގަޑިއިރު ކުރިން ކިޔެވުން ނިންމާލުމަށެވެ.

ގަތަރާ ދެކޮޅަށް ޔޫއޭއީން ނުކުންނަ މެޗު އޮންނާނީ މުބާރާތް ކުޅޭ އެންމެ ބޮޑު ސްޓޭޑިއަމް ކަމަށްވާ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައެވެ.