މިއަހަރުގެ އޭޝިއަން ކަޕް ބާއްވާ ގައުމު، ޔޫއޭއީގެ އެތައް ހާސް ސަޕޯޓަރުންނެއް ރޮއްވާލާ، ގަތަރުން ފުރަތަމަ ފަހަރަށް ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

މިރޭ ޔޫއޭއީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުން ގަތަރު ކުރި ހޯދީ 4-0ގެ ނަތީޖާއަކުންނެވެ. މިއީ ގަތަރުން އޭޝިއަން ކަޕެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި މިއަހަރު ކުރިން އެޓީމަށް އޭޝިއަން ކަޕެއްގެ ސެމީ ފައިނަލާ ހަމައަށްވެސް ދަތުރުކުރެވިފައެއް ނުވެއެވެ.

މީގެ ކުރިން އޭޝިއަން ކަޕްގެ ފައިނަލެއްގައި ޔޫއޭއީ ވާދަކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1996 ވަނަ އަހަރުއެވެ. މިފަހަރެކޭ އެއްގޮތަށް އެފަހަރުވެސް މުބާރާތް ބޭއްވީ އަމިއްލަ ގައުމުގައެވެ. އެހެން ނަމަވެސް ފައިނަލްގައި ބަލިވީ ސައުދީ އަރަބިޔާ އަތުންނެވެ. އެގައުމުން މިފަހަރު ނުކުތީ ތާރީހު ބަދަލުކޮށް، އަމިއްލަ ގައުމުގައި ތަށި ބެހެއްޓުމަށެވެ.

މިރޭގެ މެޗު ސިފަކުރެވިފައި އޮތީވެސް އޭޝިއަން ކަޕްގެ "އެލް ކްލެސިކޯ"އެއްގެ ގޮތަށެވެ. ޔޫއޭއީގެ ގިނަ ސަޕޯޓަރުންނަށް މެޗު ބެލުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދު ދެ ގަޑިއިރު ކުރިން ސްކޫލްތައްވެސް ބަންދުކޮށްފައިވެއެވެ. އެތަކެއް ސަޕޯޓަރުންނެއް ވަނީ ދަނޑުވެސް ފުރާލާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގަތަރުން ދެ ގޯލްގެ ލީޑެއް ނެގިއެވެ. ޑިފެންޑަރު ބޮއުލެމް ކޯކީ ފުރަތަމަ ގޯލް ޖެހި އިރު، ދެވަނަ ގޯލް މެޗުގެ 37 ވަނަ މިނެޓުގައި އެޓީމުގެ ތަރި އަލްމޮއީޒް އަލީ ޖެހިއެވެ. އެ ގޯލަކީ އޭނާ މުބާރާތުގައި ޖެހި އަށްވަނަ ގޯލެވެ. އެއީ މިހާތަނަށް އޭޝިއަން ކަޕްގެ އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހި އަދަދެވެ.

ފުރަތަމަ ހާފްގައި ގަތަރުން ޖެހި ދެ ގޯލާއެކު ޔޫއޭއީއަށް ކުއްލި ސިހުމެއް ގެނުވި ނަމަވެސް، އެޓީމުންވެސް މެޗަށް އަނބުރާވަނުމަށް ގިނަ މަސައްކަތްތަކެއް ކުރިތަން ފެނިގެންދިޔައެވެ. ހާއްސަކޮށް ދެވަނަ ހާފްގެ ކުރީކޮޅުގައި އެޓީމުން ހަމަލާތައް އުފެއްދިއެވެ.

ޔޫއޭއީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި ހަސަން އަލް ހައިޑޯސްގެ ގޯލުން ގަތަރު އަނެއްކާވެސް ލީޑު އިތުރަށް ފުޅާކުރިއެވެ. މެޗުގެ ފަހު ކޮޅުގައި ޔޫއޭއީން ގަތަރުގެ ޑިފެންސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރި ނަމަވެސް، ކައުންޓާ އެޓޭކްގައި ހަތަރު ވަނަ ގޯލެއް ޖަހާ، ގަތަރުން ފައިނަލް ޔަގީން ކުރިއެވެ. ގަތަރުގެ ފަހު ގޯލް އެޓީމަށް ޖަހައިދިނީ ހާމިދު އިސްމާއީލެވެ.

މެޗުގެ ފަހު މިނެޓްގައި ކަހަލަ ގޮތަކަށް ޔޫއޭއީގެ މުހައްމަދު އިސްމާއީލާ ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ.

ގަތަރުން އެގައުމުގެ ފުރަތަމަ ފައިނަލްގައި ނުކުންނާނީ ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވާ ޖަޕާނާ ދެކޮޅަށެވެ. ފައިނަލް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.