ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލްޣަނީ (އަކޫ)، ޕްރިމިއާ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

އަކޫ ޓީސީއާ ގުޅުނުކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ.

އަކޫއަކީ ގައުމީ ޓީމުން މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، ޓީމުގެ ކެޕްޓަނެވެ. އަދި މިދިޔަ އަހަރުވެސް ނިއު ރޭޑިއަންޓްގައި އޭނާ ވަނީ މުހިއްމު ކުޅުމެއް ދައްކާފައެވެ. އަދި އޭގެ ކުރީ އަހަރު ނިއުއިން ލީގު ހޯދި އިރުވެސް އަކޫއަކީ ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

ފުރަތަމަ ޑިވިޝަނަށް އަކޫ ތައާރަފްވީ ވެލެންސިއާއިންނެވެ. ނ. މާފަރަށް އުފަން އަކޫއަކީ ފުޓުބޯޅަ އާއިލާއަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލި އިރު، ކެޕްޓަނަކަށް ހުރީ އަކޫގެ ބޭބެ އައްސަދު އަބްދުލްޣަނީއެވެ.

2007 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް އަކޫ ނިއުއަށް ކުޅުނު އިރު، 2010 ވަނަ އަހަރު އޭނާ ވަނީ ވީބީ އައްޑޫ އެފްސީއަށް ކުޅެފައެވެ. 2007 ވަނަ އަހަރު ނިއުއަށް ކުޅެމުން ދަނިކޮށް އަކޫއަށް ގައުމީ ސްކޮޑުންވެސް ޖާގަ ލިބިފައިވާ އިރު، އޭނާ ވަނީ ވީބީއަށްފަހު މާޒިޔާއާއި ވެލެންސިއާއަށްވެސް ކުޅެފައެވެ.

އަކޫ ވަނީ ރާއްޖޭގެ 19 އަހަރުން ދަށާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ދަނޑުމަތީގައި އޭނާ ފާހަގަކޮށްލެވެނީ ވަރުގަދަ ލީޑަރެއްގެ ގޮތުގައެވެ. ހާއްސަކޮށް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްގައި އޭނާ ވަނީ ނަމޫނާ ދައްކާފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީސީން އަންނަނީ ކުޅުންތެރިން އެޓީމަށް ގެންނަމުންނެވެ. އެގޮތުން މާޒިޔާގެ މިޑްފީލްޑަރު އިސްމާއީލް އީސަ (މެސީ)އާއި ވިކްޓަރީއަށް މިދިޔަ ސީޒަނުގައި ކުޅުނު އާދަމް އިޝާން (ސަން)ވެސް ވަނީ އެޓީމާ ގުޅިފައެވެ. އޭގެ އިތުރުން ޓިމުގެ މިޑްފީލްޑުގައި މުހިއްމު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އައްޒާމްވެސް ވަނީ ކްލަބުގައި މަޑުކުރަން ނިންމާފައެވެ.

ޓީސީއަށް ފަސް އަހަރު ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) އަންނަ ސީޒަނުގައި ކްލަބުން ނުފެންނާނެކަން އިއުލާން ކޮށްފައިވާ އިރު، އޭނާގެ ބަދަލުގައި ޓީމަށް ގެންދާނެ ކޯޗަކު އަދި އިއުލާން ކޮށްފައެއް ނުވެއެވެ،