ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ކްލަބުތަކުން ތައްޔާރުވަމުންދާ އިރު، މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ ޓްރާންސްފާތަކުގެ ވާހަކައެވެ. ކްލަބުތަކުން ކުޅުންތެރިން ބަދަލުވާ ވާހަކަތަކެވެ.

މިދިޔަ އަހަރު ލީގު ޗެމްޕިއަން ޓީސީން ރޭ، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ސޮއިކޮށްފައިވާ އިރު، އޭގެ ކުރިން އެޓީމުން ވަނީ އިސްމާއީލް އީސަ (މެސީ)ވެސް ކްލަބަށް ގެނެސްފައެވެ. ޓީސީން ރޭ އިއުލާން ކޮށްފައިވާ ގޮތުގައި އެޓީމަށް މިދިޔަ ސީޒަނުގައިވެސް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އޮތް ތިން އަހަރަށްވެސް ވަނީ ކޮންޓްރެކްޓް އާކޮށްފައެވެ.

އޭގެ ތެރޭގައި ކްލަބުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ)އާއި އިޝާން އިބްރާހީމް (ސައްޓު)ވެސް ހިމެނެއެވެ. އެ ދެ ކުޅުންތެރިންނަކީވެސް ޓީސީން ފުރަތަމަ ފަހަރަށް ލީގު ހޯދި ސީޒަނުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިންނެވެ.

ޓީސީން ލީގު ނެގުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިންނަކީ ގައުމީ ޓީމުގައިވެސް ހިމެނޭ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހީމް ވަހީދު (އިއްބެ ވަހީދު) އަދި ޑިފެންޑަރު އިބްރާހީމް ހަނީފް (ބެންޖޯ)އެވެ. "ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ ތިން ކުޅުންތެރިންވެސް އަންނަ ސީޒަނުގައި ޓީސީން ނުފެންނާނެއެވެ. އަދި އެކުޅުންތެރިން ޓީމާއެކު ކޮންޓްރެކްޓް އާކޮށްފައެއްވެސް ނުވެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފުޓުބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމެވެ. އެ މުބާރާތުގައިވެސް އެންމެ މުހިއްމު ކުޅުމެއް ގައުމީ ޓީމުގައި ދެއްކި ކުޅުންތެރިންނަކީ ފޭދޫ އިއްބެއާއި އިއްބެ ވަހީދެވެ. ފޭދޫ އިއްބެ ފައިނަލްގައި އިންޑިއާ ކޮޅަށް ގޯލް ޖެހި އިރު، އިއްބެ ވަހީދު ވަނީ ސެމީ ފައިނަލްގައި ދެ ގޯލް ޖަހައިފައެވެ.

ޓްރާންސްފާގެ އަޑުތައް ފެތުރިފާވާ ގޮތުން، އެ ތިން ކުޅުންތެރިންވެސް މާޒިޔާއަށް ސޮއިކުރުން ގާތެވެ.