އިންސައިޓް ކޮންސަލްޓެންސީ ސާވިސް (އައިސީއެސް)އިން އިންތިޒާމް ކޮށްގެން އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ "ޒީރޯ ޕްލާސްޓިކް ރަން" ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

އައިސީއެސް އިން ހާމަކުރާ ގޮތުގައި ޕްލާސްޓިކް ރަން ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހެދުނު 08:00 ގައި، ހުޅުމާލޭގައެވެ. އދުވުމުގައި ބައިވެރިވަން ބޭނުންފުޅުވާ ފަރާތްތަކުން ދުވުން ފެށުމުގެ 30 މިނެޓު ކުރިން ހުޅުމާލޭގެ ސެންޓްރަލް ޕާކަށް ހާޒިރުވާންޖެހޭނެ ކަމަށްވެސް އައިސީއެސް އިން ބުނެފައި ވެއެވެ.

މި ދުވުން ކުރިއަށް ގެންދަނީ "ދަ ކްލީނިންގް ކުއެސްޓް" އާއި ގުޅިގެންނެވެ. އައިސީއެސް އިން ބުނެފައި ވަނީ މި ދުވުން، ހިނގާފައިވެސް ފުރިހަމަކުރެވިދާނެ ކަމަށެވެ. މީގެ އިތުރުން ދުވުން ފުރިހަމަ ކުރަން ޖެހޭނީ ދުވަމުންދާއިރު މަގުމަތިން ފެންނަ ޕްލާސްޓިކް ހޮވައި ކޮތަޅަކަށް އަޅަމުން ކަމަށްވެސް އައިސީއެސް އިން ހާމަކޮށްފައިވެއެވެ.

ޒީރޯ ޕްލާސްޓިކް ރަންގެ ކިޓު ދޫކުރުމުގެ ވަގުތު މިރޭ 09:00 ގައި ހަމަވާއިރު މި ކިޓް ދޫކުރަމުން ގެންދަނީ އައިސީއެސް އިންނެވެ. އަދި މި ކިޓާއެކު ޚާއްސަ ނެޓް ބޭގެއް ދިނުމަށްވެސް އައިސީއެސް އިން ނިންމައިފައި ވެއެވެ. މީގެ އިތުރުން މި ދުވުން ފުރިހަމަކުރާ ކޮންމެ ފަރާތަކަށް ޕްލާސްޓިކް ބޭގް ބޭނުންކުރުން މަދުކުރުމުގެ މަޤްޞަދުގައި ޙާއްޞަ ޓޯޓް ބޭގް އެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ ހޮނިހިރުދުވަހު ލ.އަތޮޅުގައި ބޭއްވ ދުވުމުގައިވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަސީދު

    ތިކަލޭގެ ކުރެވޭނީ ތިކަހަލަ ކަންތައް ތިއޮތީވެސް ވައުދެއް