މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ ބެލްޖިއަމް މިޑްފީލްޑަރު މަރުއާން ފެލައިނީ، ޗައިނާ ސުޕަ ލީގުގެ ޝެންޑޮން ލުނެންގަށް ބަދަލުވާން ނިންމައިފިއެވެ.
ބީބީސީން ބުނެފައިވާ ގޮތުގައި ފެލައިނީގެ ޓްރާންސްފާއަށް ޔުނައިޓެޑާއި ޝެންޑޮން ލުނެންއިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި ޓްރާންސްފާގެ ކަންކަން ނިންމުމަށް ފެލައިނީ ހުރީ މިހާރު ޗައިނާގައެވެ.
ފެލައިނީގެ މީސް މީޑިއާގައިވެސް އޭނާ ޗައިނާއަށް ދިޔަކަން ޔަގީން ކޮށްދީފައިވާ އިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެޑިކަލްގެ ކަންކަން ނިމި، މިހާރު ޑީލް އިއުލާން ކުރަން ދަނީ ތައްޔާރުވަމުންނެވެ.
އުމުރުން 31 އަހަރުގެ ފެލައިނީ އެވަޓަން ދޫކޮށް ޔުނައިޓެޑާ ގުޅުނީ 2014 ވަނަ އަހަރުއެވެ. އޭރު ޔުނައިޓެޑްގެ ކޯޗަކީ ފާގަސަންއަށްފަހު ޔުނައިޓެޑަށް ފުރަތަމަ އައި ކޯޗު، ޑޭވިޑް މޮޔެސްއެވެ. އަންނަ އަހަރުގެ ނިޔަލަށް ފެލައިނީގެ ޔުނައިޓެޑްގެ ކޮންޓްރެކް ހަމަވާން އޮތް ނަމަވެސް، އޭނާ ވަނީ މިދިޔަ އަހަރު އިތުރު ދެ އަހަރަށް ކޮންޓްރެކް އާކޮށްފައެވެ.
ހަބަރުތައް ބުނާ ގޮތުގައި ފެލައިނީ ޗައިނާ ލީގަށް ސޮއިކުރާނީ ރެކޯޑު މުސާރައެއްގައެވެ. ޕްރިމިއާ ލީގުގައި 177 މެޗު ކުޅެދިން ފެލައިނީ ވަނީ ޖުމްލަ 22 ގޯލް ޖަހައިފައެވެ. އެވަޓަންގައި ވިދާލި ފެލައިނީ ޔުނައިޓެޑްގައި އެންމެ ގިނަ މެޗު ކުޅެފައި ވަނީ މޮރީނިއޯގެ ކޯޗު ކަމުގެ ދަށުގައެވެ. މޮރީނިއޯ ވަނީ ގިނަ މެޗުތަކެއްގައި ފެލައިނީގެ ބޭނުން ކޮށްފައެވެ.
ޔުނައިޓެޑާއެކު ފެލައިނީ ވަނީ ޔޫރޮޕާ ލީގުގެ އިތުރުން އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.