ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ގުރުއަތުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ވާދަކުރަން ޖެހުމުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެޓީމުން ތިން "އެލް ކްލެސިކޯ"ގައި ވާދަކުރަން ޖެހިއްޖެއެވެ.

ބާސާއާއި ރެއާލްއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ވާދަވެރިކަމަށްވާ އިރު، އެ ދެ ކްލަބުގެ ވާދަވެރި މެޗުތަކަށް އެންމެ ކުރިންސުރެވެސް ކިޔަމުންއައި ނަމަކީ "އެލް ކްލެސިކޯ"އެވެ. ސްޕެއިންގެ އިތުރުން ދުނިޔޭގެ ގަދަ ދެ ބާރު ކަމަށްވާ ބާސާއާއި ރެއާލްއިން ކުޅޭ ކޮންމެ މެޗެއްވެސް ފެންނަނީ ވާދަވެރި ކޮށެވެ.

ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިމަހު ހަތްވަނަ ދުވަހު ބާސާގެ ދަނޑުގައި ފުރަތަމަ ކްލެސިކޯ އޮންނަ އިރު، ދެވަނަ މެޗަކީ މިމަހު 27 ވަނަ ދުވަހު މެޑްރިޑްގެ ދަނޑުގައި އެ ދެޓީމުން ކުޅޭ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލް ދެވަނަ މެޗަށެވެ.

އެއަށްފަހު އަންނަ މަހުގެ ތިންވަނަ ދުވަހުވެސް ކްލަސެކޯއެއް ކުޅޭނެއެވެ. އެއީ ލީގުގައި އެ ދެޓީމު ކުޅޭ މެޗެކެވެ. މެޗު އޮންނާނީ ރެއާލްގެ ސަންތިއާގޯ ބާނަބޭއޫގައެވެ.

ބާސާއިން ރެއާލް އެންމެފަހުން ވާދަކޮށްފައި ވަނީ ލީގުގައެވެ. މި ސާޒަނުގެ ލީގުގައި ބާސާ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބުކުރީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުގައި ލުއިޒް ޝުއަރޭޒް ވަނީ ހެޓްރިކް ހަދާފައެވެ.