ހަތަރު ފަހަރުގެ ޗެމްޕިއަން ޖަޕާން ބަލިކޮށް، ގަތަރުން ފުރަތަމަ ފަހަރަށް އޭޝިއާގެ އެންމެ ބޮޑު މުބާރާތް، އޭޝިއަން ކަޕް ކާމިޔާބުކޮށްފިއެވެ.

ޒައިދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި، އެތައް ހާސް ސަޕޯޓަރުންނަކާއެކު މިރޭ ކުޅުނު ފައިނަލް މެޗު ގަތަރުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިއީ ގަތަރުން އޭޝިއަން ކަޕް ހޯދި ފުރަތަމަ ފަހަރެވެ. ގަތަރު ވެފައި ވަނީ އޭޝިއަން ކަޕް ހޯދި ނުވަވަނަ ޓީމަށެވެ.

މެޗަށް ނުކުތް އިރު، ތާރީހު އޮތީ ޖަޕާނު އަތުގައެވެ. ގަތަރަކީ ފައިނަލަށް އާ ޓީމެކެވެ. މީގެ ކުރިން ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައި ނުވާ ގަތަރުން މިފަހަރުގެ ފައިނަލަށް ދިޔައީ އެތައް ބަޔަކަށް ސިހުން ގެނުވާފައެވެ. ހާއްސަކޮށް ދެކުނު ކޮރެޔާ ފަދަ ބޮޑެތި ބާރުތައް ބަލިކޮށް، ސެމީގައި މުބާރާތް ބާއްވާ ގައުމު ޔޫއެއީވެސް ބަލިކޮށްފައެވެ.

ޖަޕާނަކީ އަބަދުވެސް އޭޝިއާގެ އެންމެ ވަރުގަދަ އެއް ގައުމެވެ. މިހާތަނަށް ހަތަރު ފަހަރު އޭޝިއަން ކަޕް އުފުލާލާފައި އޮތް އިރު، މީގެ ކުރިން ހަތަރު ފަހަރަށް ފައިނަލަށް ގޮސް ޖަޕާނުން ވަނީ ހަތަރު ފަހަރު ތަށިވެސް އުފުލާލާފައެވެ.

މިރޭގެ މެޗުގެ ފުރަތަމަ މިނެޓާއެކުވެސް ޖަޕާނުގެ ތާރީހަށް ގަތަރުން ނުބަލާނެކަން އެނގުނެވެ. ޖަޕާނު ދެކެ ބިރުން އެޓީމުން ފަހަތަށް ނުޖެހޭނެކަންވެސް އެނގުނެވެ. ކުރިއަށް ޖެހި އެޓޭކް ކުރަން ފެށުމުން ޖަޕާނުގެ ޑިފެންސަށްވެސް އެކަމުގެ ހައިރާންކަން ގެނުވިއެވެ.

ފުރަތަމަ ހާފްގައި ވަރުގައަށް ކުޅުނު ގަތަރުން މެޗުގެ ލީޑު ނެގީ 12 ވަނަ މިނެޓުގައެވެ. ދެވަނަ އެހެން ކުޅުންތެރިޔެއް ނޫނެވެ. މެޗަށް ނުކުތް އިރުވެސް މުބާރާތުގައި އަށް ގޯލް ޖަހައިފައިވާ ފޯވަޑް އަލްމޮއިޒް އަލީއެވެ. އޭރިއާ ތެރޭގައި ގޯލަށް ފުރަގަސް ދީގެން ހުއްޓާ ލިބުނު ބޯޅަ، އޭނާ މައްޗަށް ހިއްލާ ލުމަށްފަހު ގޯލަށް ފޮނުވާލީ އޯވަހެޑެއް ޖަހައިގެންނެވެ.

މިރޭގެ ފައިނަލްގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ ކަޕް

މިރޭ ޖެހި ގޯލާއެކު އަލްމޮއީޒް އަލީ ވެފައި ވަނީ އޭޝިއަން ކަޕްގެ އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އީރާނުގެ އަލީ ދާއީ މީގެ ކުރިން އަށް ގޯލް އެއް މުބާރާތެއްގައި ޖަހައިގެން ހަދާފައިވާ ރެކޯޑު އަލްމޮއިޒް އަލީ ވަނީ މުގުރާލާފައެވެ.

ހާފްގެ ފަހުކޮޅުގައިވެސް އެޓޭކް ކުރީ ގަތަރުންނެވެ. ނަތީޖާއެއްގެ ގޮތުން ހާފް ނިމުމުގެ ކުރިން ނަތީޖާގެ ފަރަގުވެސް ބޮޑު ކުރިއެވެ. އޭރިއާ ބޭރުން އަބްދުލް އަޒީޒީ ހާތިމް ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ މަތީ ކަނަށެވެ.

ދެވަނަ ހާފް ފުރަތަމަ ހާފާ މުޅިން ތަފާތެވެ. ޖަޕާނުން ފެށީ ވަރުގަދަ ކޮށެވެ. އެޓޭކަކަކަށްފަހު އެޓޭކަކަަށް އެޓީމުން މަސައްކަތް ކުރިއެވެ. ގަތަރުގެ އޭރިއާ ތެރޭގައި އެޓީމުގެ ކުޅުންތެރިން އެތުރިގެން ތިބި އިރު، ގަތަރުން ދެވަނަ ހާފްގައި ގަތަރުން މަސައްކަތް ކުރީ ކައުންޓާ އެޓޭކް ކުރާށެވެ.

ޖަޕާނުގެ އެޓޭކްތަކުން ގަތަރަށް މުޅިން ސަލާމަތެއްވެސް ނުވެވުނެވެ. 69 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ވަދެ، ގޯލްކީޕަރު ބޯމަތިން މިނަމީނޯ އެއްލި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ. ނަތީޖާ 2-1އަކަށް ބަދަލުކޮށް ޖަޕާނުން ހިތްވަރު އާކުރިއެވެ.

މިރޭގެ ފައިނަލްގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ ކަޕް

އޭގެ ފަހުންވެސް އެޓޭކް ކުރަމުންދިޔައީ ޖަޕާނުންނެވެ. އެކަމަކު ނަސީބު އަތު ހިފީ ގަތަރު ޓީމަށެވެ. ލިބުނު ކޯނަރެއް އޭރިއާ ތެރެއަށް ހުރަސްވެގެންދިޔަ އިރު، ގަތަރުގެ ކުޅުންތެރިޔަކު ބޮލުން ޖެހި ނަމަވެސް، ގޮސް ޖެހިނީ ޖަޕާނުގެ ޑިފެންޑަރު ޔޮޝީޑާ އަތުގައެވެ.

ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނެލްޓީ ގޯލަށް ވައްދާލާ އަކުރަމް އަފީފް ގަތަރަށް ލީޑު ފުޅާކޮށްދީ ތަށި ޔަގީން ކޮށްދިނެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕްވެސް ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އިރު، މިއީ ގަތަރަށް ފެންވަރު ދައްކާލަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެޓީމުން އެކަމަށް ފަހަކަށްވެސް ނުޖެހުނެވެ. ފުރަތަމަ އޭޝިއަން ކަޕާއެކު ގައުމުގެ ފުޓުބޯޅަ ތާރީހު ބަދަލުކޮށްލިއެވެ.