ގަތަރުގެ ކްލަބެއް ކަމަށްވާ އަލް ސާދަށް ކުޅެމުންދާ ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭސް ވަނީ ރޭ ނިމިގެންދިޔަ އޭޝިއަން ކަޕްގެ ހާއްސަ "ޕްރެޑިކްޝަން"އެއް ހަދާފައެވެ.

ގަތަރުގެ ޓީވީ ޗެނަލްއަކުން މުބާރާތް ފެށުމުގެ ކުރިން ޒަވީއާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި އޭނާ ހެދި އަންދާޒާ ދައްކާ ގޮތުން، ފައިނަލްގައި ކުޅެނީވެސް ޖަޕާނާ ގަތަރެވެ. މޮޅުވަނީވެސް ގަތަރެވެ. މުބާރާތަށް ނުކުތް އިރު، ގަތަރަކީ ފައިނަލަކަށް ގޮސްފައިވާ ޓީމަކަށްވެސް ނުވާތީ، ޒަވީ އެފަދަ ގޮތަކަށް އަންދާޒާ ކުރީ އޭނާ ކުޅޭ ޓީމު އެގައުމަށް ނިސްބަތްވުމުން ކަމަށް ބެލެވުނެވެ.

އިއްތިފާގުން ނަމަވެސް، ކަން ދިމާވީ ޒަވީގެ އުންމީދާ މުޅިން ކަހަލަ ގޮތަކަށް އެއް ގޮތަށެވެ. ކުއާޓާއަށް ދިޔަ އަށް ޓީމުގެ ތެރެއިން ހަތް ޓީމު ޒަވީ ރަނގަޅަށް ދިމާކުރިއެވެ. އަދި ސެމީ ފައިނަލަށް ދިޔަ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމު އޭނާ ދިމާކުރިއެވެ.

ކުއާޓާއަށް ދާނެ ކަމަށް ޒަވީ އަންދާޒާ ކުރީ ޖަޕާން، ޗައިނާ، ޗައިނާ، އީރާން އަދި އޮސްޓްރޭލިއާ، ޔޫއޭއީ، ދެކުނު ކޮރެއާ އަދި ގަތަރާއި އިރާގެވެ. އޭގެ ތެރެއިން ކުއާޓާއަށް ނުދަނީ އިރާގެވެ. އޭގެ ބަދަލުގައިި ކުއާޓާއަށް ދިޔައީ ސަޕްރައިޒް ޕެކޭޖެއް ކަމަށްވާ ވިއެޓްނާމެވެ.

އޭގެ ތެރެއިން ސެމީއަށް ދާނެ ޓީމުތަކުގެ ގޮތުގައި ޒަވީ އަންދާޒާ ކުރީ އޮސްޓްރޭލިއާ، ދެކުނު ކޮރެޔާ، ގަތަރު، ޖަޕާން އަދި އީރާނެވެ. އޭގެ ތެރެއިން ޒަވީއަށް ދިމާ ނުކުރެވުނީ އޮސްޓްރޭލިއާއާއި ޔޫއޭއީ ވާދަކުރި ކުއާޓާގެ ނަތީޖާއެވެ. އެ މެޗުން މޮޅުވީ ޔޫއޭއީއެވެ. ޒަވީ އަންދާޒާ ކުރީ އޮސްޓްރޭލިއާ މޮޅުވާނެ ކަމަށެވެ.

ގަތަރުން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް އުފުލާލާ އެގައުމުގެ ފުޓުބޯޅަ ތާރީހު ބަދަލުކޮށްލި އިރު، ޓީމުގެ ކޯޗަކީވެސް ޒަވީއާ އެއް ގައުމެއްގެ ކޯޗެކެވެ. ރޭގެ މެޗަށްފަހު ކޯޗު ބުނެފައި ވަނީ ޒަވީއަކީ ފުޓުބޯޅައިގެ ތަޖުރިބާކާރެއް ކަމަށާއި، އޭޝިއާގެ ފުޓުބޯޅައަށް ޒަވީ ވަންލެއް އަވަސްކަން އޭނާގެ "ޕްރެޑިކްޝަން"އިން އެނގޭ ކަމަށެވެ.