ފަހަތުން އަރާ ވެލެންސިއާ ކޮޅަށް ދެ ގޯލް ޖަހާ، ބާސެލޯނާއިން ލީގުގައި ޕޮއިންޓެއް ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސާގެ ދެ ގޯލްވެސް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖަހައިދިން އިރު، މެޗުގައި ފުރަތަމަ ދެ ގޯލް ޖެހީ ވެލެންސިއާއިންނެވެ. ބާސާއިން ދެ ގޯލް ޖެހީ ފަހަތުން އަރައެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބާސާއިން އެޓޭކް ކުރުމަށް ކުރިއަށް ޖެހުނެވެ. ވެލެންސިއާއިން ބެލީ ކައުންޓާ އެޓޭކްގައި ނުރައްކާ ކުރުމަށެވެ. އެޓީމުގެ ކައުންޓާއިން ބާސާއަށް ނުރައްކާތައް ކުރިމަތިވެސް ވިއެވެ.

މެޗުގެ ކުރީކޮޅުގައި ވެލެންސިއާއިން ނުރައްކާ ކުރިއެވެ. ޕަރޭހޯ ފޮނުވާލި ބާރު ހަމަލާ، ބާސާގެ ގޯލްކީޕަރު މާކް އެންދްރޭ ޓާ ސްޓެގަން ދިފާއުކުރި އިރު، އެ ހަމަލާގެ ރީބައުންސް ބޯޅަ، ރަޝިޔާގެ ޗެރިޝޭވް ފޮނުވާލި ނަމަވެސް ބޭރަށް ދިޔައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓް ތެރޭގައި ބާސާއަށް އެޓޭކަކަށްފަހު އެޓޭކެއް ކުރި ނަމަވެސް، ވެލެންސިއާގެ ގޯލްކީޕަރު ނެޓޯގެ ތަފާތު ފެނުނެވެ. އޭނާގެ މޮޅު ސޭވްތަކެއް މެޗުގައި ފެނުނު އިރު، ފުރަތަމަ ހާފްގައި މެސީއާއި ކުޓީނިއޯގެ ހަމަލާތައްވެސް އޭނާ މަތަކޮށް ބޭރުކޮށްލިއެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ވެލެންސިއާގެ ހަލުވި ކައުންޓާ އެޓޭކަކާއެކު ރޮޑްރީގޯ ދުއްވާލި ބޯޅައެއް ގޯލަށް ނިންމާލީ ގަމޭރޯއެވެ. އޭގެ ހަތްވަރަކަށް މިނެޓް ފަހުން އަނެއްކާވެސް ބާސާ މާޔޫސް ކޮށްލިއެވެ. އޭރިއާ ތެރެއިން ސާޖިއޯ ރޮބާޓޯ، ވެލެންސިއާ ފޯވަޑް ޕަރޭހޯއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީގައި ވެލެންސިއާއިން ލީޑު ފުޅާކުރިއެވެ.

ޕަރޭހޯގެ ޕެނެލްޓީއާއެކު، 2-0ގެ ލީޑެއްގައި ހާފް ނިންމާލަން ބާސާއިން ދިޔަ ނަމަވެސް، އެޓީމަށް އުންމީދެއް ގެނެސްދިނީ މެސީއެވެ. 39 ވަނަ މިނެޓުގައި ވެލެންސިއާ ޑިފެންޑަރު ބާސާގެ ޑިފެންޑަރު ސެމެޑޯއަށް އޭރިއާ ތެރެއިން ކުރި ފައުލަށް ލިބުނު ޕެނެލްޓީ މެސީ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.

މިހާތަނަށް ކުޅުނު 22 މެޗުން 50 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއިން މެޗަށް އަނބުރާ ވަނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. މެސީގެ ނުރައްކާ ބޮޑުކޮށް ފާހަގަކޮށްލެވުނު އިރު، އޭނާ ދިޔައީ ފުލުފުލު ހަމަލާތައް ފޮނުވާލަމުންނެވެ.

މެސީގެ ބުރަ މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން އޭނާގެ ރަސްމީ ސްޓައިލްގައި ގޯލްގެ ކަނަށް އަމާޒުކޮށްލި ބޯޅަަށް ގޯލްކީޕަރަށްވެސް ކުރެވޭނެ ކަމެއް ނެތެވެ. އޭނާގެ ނިންމާލުން ފުރިހަމައެވެ.

ލަލީގާގެ ދެވަނަ މަގާމުގައި ބާސާއަށްވުރެ މެޗެއް މަދުން ކުޅެގެން އޮތީ އެތުލެޓިކޯއެވެ. އެޓީމަށް 21 މެޗުން 44 ޕޮއިންޓް ލިބޭ އިރު، ތިންވަނައިގައި އޮތް ރެއާލްވެސް އެ އަދަދަށް މެޗު ކުޅެގެން ލިބެނީ 39 ޕޮއިންޓެވެ.