އިޓާލިއަން ސެރެއާ އޭގައި ޔުވެންޓަސްއިން ޕާމާއާ ދެކޮޅަށް ކުޅުނު މެޗު 3-3ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ޔުވެންޓަސް ބަލިވެފައިނުވާ އިރު، 22 މެޗުން 60 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އެޓީމު އޮތީ ހަމަޖެހިގެންނެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް 22 މެޗުން 51 ޕޮއިންޓް ލިބޭ އިރު، ޔުވެންޓަސްއަށް ނުވަ ޕޮއިންޓްގެ ލީޑެއް އެއްވަނައިގައި އެބައޮތެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޔުވެންޓަސްއިން އެތައް ހަމަލާތަކެއް އުފެއްދިއެވެ. ޖުމްލަ 17 ހަމަލާއެއް އެޓީމުން ގޯލަށް ފޮނުވާލަން މަސައްކަތް ކުރި އިރު، ހާފް ނިންމާލީ ރޮނާލްޑޯގެ ނަސީބު ގަދަ ގޯލަކާވެސް އެކުގައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގިނަ ގޯލްތަކެއް ފެނިގެންދިޔައެވެ. މެޗު ފޯރިގަދަވެގެން ދިޔައީ ޕާމާއިން ދެވަނަ ހާފްގައި ކުޅުންވެސް ރަނގަޅު ކުރުމުންނެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީގެ ބާރު ހަމަލާއެއް ގޯލަށް ވައްދާލާ ޔުވެންޓަސްއިން ލީޑު ފުޅާކުރި ނަމަވެސް، އޭގެ ދެ މިނެޓް ފަހުން ޖުރާޖު ކޫކާ ނަގައިދިން ހުރަސް ގޯލަށް ވައްދާލާ ބަރީލާ ވަނީ ޕާމާއަށް ގޯލެއް ޖަހައިދީފައެވެ.

އޭގެ ދެ މިނެޓްފަހުން ރޮނާލްޑޯ އޭނާގެ ދެވަނަ ގޯލް ޖެހިއެވެ. އެ ގޯލަކީ ލީގުގައި އޭނާ ޖެހި 17 ވަނަ ގޯލެވެ. މިހާރު ރޮނާލްޑޯއަކީ ސެރެއާ އޭގެ ޓޮޕްސްކޯރާއެވެ.

ޔުވެންޓަސްއިން ލީގުގެ 20 ވަނަ މޮޅަށް މިސްރާބު ހުރި ނަމަވެސް، އެޓީމު ހުއްޓުވީ 74 ވަނަ މިނެޓާއި މެޗުގެ ފަހު މިނެޓްގައި ކައުސީ ޖެހި ދެ ގޯލުންނެވެ. ޕާމާއިން މެޗު ނިންމާލީ ވަރުގަދަ ޔުވެންޓަސް އަތުން ހޯދި މުހިއްމު މޮޅާއެކުގައެވެ.